ENGLISH
03 ޖުލައި 2026
ފުލުހުންގެ ތެރެއިން މަސްތުވާތަކެއްޗާ ގުޅުންހުރި ނުފޫޒުތައް ނައްތާލެވިއްޖެ: ރައީސް
03 ޖުލައި 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު.
އެންމެ މަޤްބޫލު
މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ފާހަގަވި މަސްތުވާތަކެއްޗާ ގުޅުންހުރި ނުފޫޒުތައް ފުލުހުންގެ ތެރެއިން މިހާރު ނައްތާލެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ޝާއިއުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް އަލިއަޅުވާލައި އެކަމަށް ހާއްސަކުރެވިފައިވާ މި އެޕިސޯޑްގައި، "ދަ ޕްރެސް" ނޫހުގެ ފަރާތުން ދެންނެވި ސުވާލުލަކަށް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފުލުހުންގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި ނޭދެވޭ ނުފޫޒުތަކެއް ހުރިކަން ފާހަގަވެފައިވާކަމަށެވެ.
"މިސާލަކަށް ރެއިޑްކޮށްގެން ހޯދާ މަސްތުވާތަކެތި އަނެއްކާވެސް މުޖުތަމައަށް ދިއުންފަދަ ނުބައި ނުފޫޒުތައްވެސް ހުރި، އެވަކިތައް ވެސް ނައްތާލާ އިރާދަކުރެއްވިއްޔާ ފުލުހުންގެ އިދާރާގެ ތެރޭގައި މިހާރު ވަރަށް ނީވޭނެ މި ދެންނެވި ނުބައި އަމަލުތަކަށް ފުރުސަތުލިބޭ ވާހަކަ،". ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގުކުށްތަކުގައި މަރުވާ މީހުންގެ އަދަދުވެސް މަދުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުވަނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު މަފްހޫމަކީ މިކަމުގެ ތެރެއަށް ވަދެފައި ތިބި ޒުވާން ކުދިން މިކަމުން ސަލާމަތްކޮށް، އެކުދިންނަކީ މުޖުތަމައަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ގޮތެއްގައި ދިރިއުޅެވޭނެ ގޮތް މެދުވެރިކޮށްދިނުމެވެ.
ރައްޔިތުންގެ ވިންދާ ގުޅޭ މުހިންމު ދާއިރާތަކާމެދު ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފާ ހިއްސާކުރެއްވުމާއި، ޒިންމާދާރު ނޫސްވެރިއެއްގެ ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވާ އުސޫލުން ފަރުމާކުރެވިފައިވާ ދަ ޕަލްސް ޕޮޑްކާސްޓުގެ މިއަދުގެ މައުޟޫއަށް އާންމު ރައްޔިތުން ފާޅުކުރި ބައެއް ޝުއޫރުތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވެވަޑައިގަތެވެ.