ENGLISH

03 ޖުލައި 2026

Advertisement

ފުލުހުންގެ އަސާސީ ތަމްރީނު މަންހަޖު ޒަމާނީކޮށް، އެ ބަދަލުތައް 43 ވަނަ ކޯހުން ފެށިގެން ތަންފީޒުކުރަނީ

03 ޖުލައި 2026

|

އައިމިނަތު ޝަފާ

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު

ފުލުހުންގެ އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށްޓަކައި، އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން ގެނެވޭ ބަދަލުތައް ކުރިއަށް އޮތް ފުލުހުންގެ 43 ވަނަ އަސާސީ ތަމްރީނު ކޯހާ އެކު އަމަލީ ގޮތުން ތަންފީޒުވާން ފަށާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މި ބަދަލުތައް އިއުލާންކުރައްވާފައިވަނީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވުނު ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ސީޕީ އަޙްމަދު މުޙައްމަދު ވަނީ ފުލުހުންގެ އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށް ކޮލެޖުގެ އިސްވެރިންނަށާއި ހީވާގި މުވައްޒަފުންނަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ، ކުރިއަށް އޮތް 43 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގް ކޯހާ އެކު، މި ޒަމާނީ ބަދަލުތައް އަމަލީ ގޮތުން ތަންފީޒުވާން ފެށުން،" ސީޕީ ވިދާޅުވިއެވެ.

އަދި އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން، އަމަލީ މައިދާނުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރާނެ ހުނަރުވެރި، ނަމޫނާ، ފެންވަރު ރަނގަޅު އޮފިސަރުންތަކެއް ބިނާކުރުމަށް ހާއްސަ އިސްކަމެއް ދީގެން މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.

މި މުހިންމު އިލްތިމާސާ އެކު، ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި އަގުހުރި ވާހަކަފުޅުގެ މަތިން ހުރިހާ މުވައްޒަފުންނަށް ސީޕީ ހަނދާންކޮށްދެއްވިއެވެ. އެގޮތުން ތަމްރީނު މަރުކަޒުތަކަކީ ފެންވަރު ރަނގަޅު، ޒަމާނީ ވަސިލަތްތަކުން ފުރިގެންވާ ތަމްރީނުދޭ މައިދާންތަކަކަށް ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަމާއި، ޒަމާނީ ބަދަލުތަކާއެކު ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރާއި ގަދަރު ލިބިގެންވާ ތަނަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޔަގީންކަން ސީޕީ ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް، ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ކޮށްދެއްވާ އަގުހުރި މަސައްކަތްޕުޅައްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ސީޕީ އިހުލާސްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ.

ރޭ ދަސްވެނިވި ޒުވާން އޮފިސަރުންނާ މުހާތަބުކުރައްވައި ސީޕީ ވިދާޅުވީ، ފުލުހުން ލައިގެން ތިބި ނޫކުލައިގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫން ކަމަށާއި، އެއީ މަގުމަތީގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން، ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރަ ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މާނައަކީ ހަމައެކަނި ޤާނޫނު ތަންފީޛު ކުރުމެއް ނޫން ކަމަށާއި، ފުލުހުންނަކީ މުޅި މުއައްސަސާގެ ލޯގަނޑު ކަމުގައި ވުމާއެކު، އޮފިސަރުންގެ އަޚްލާޤާއި އަމަލުތަކުން ރައްޔިތުންގެ ހިތްތަކަށް އަމާންކަން ގެނެސްދޭނެ ފަރުވާއަކަށް ފުލުހުން ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ފުލުހެއްގެ ހަގީގީ ކާމިޔާބީއަކީ އޭނާގެ ކޮނޑުގައި ހުންނަ ރޭންކެއް ނޫން، ނުވަތަ ޖަހާ ކުލައެއް ނުވަތަ މެޑެއްޔެއްވެސް ނޫން. ފުލުހެއްގެ ހަގީގީ ކާމިޔާބީއަކީ، ކުށެއްގެ ނުރައްކަލުން ސަލާމަތްވި ރައްޔިތެއްގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުން. އެ އިތުބާރު ހޯދޭނީ، ހިދުމަތުގެ ރޫހު އޭގެ އެންމެ މަތީ ދަރަޖާގައި ހިތުގައި އާލާކޮށްގެން،" ސީޕީ އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ސީޕީ ވަނީ، ކޮލެޖްގެ ހިންގުންތެރި ވެރިން ކޮށްދެއްވަމުން ގެންދަވާ މަސައްކަތަށާއި، މި ފެސިލިޓީގައި އެއްވެސް މެދުކެނޑުމެއް ނެތި ތަމްރީނުތައް ކުރިއަށް ގެންދިއުމަށްޓަކައި ރެއާދުވާލު ވަރުބަލިކަމެއްނެތި ކޮށްދެއްވި ބުރަ މަސައްކަތަށް ސާބަހާއި ޝުކުރު ދަންނަވާފައެވެ. އަދި ދަސްވެނިވި ހުރިހާ އޮފިސަރުންނަށާއި އެ އޮފިސަރުންގެ ބެލެނިވެރިންނަށް ތަހުނިޔާ އާއި މަރުހަބާ ރައްދުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު