ENGLISH

03 ޖުލައި 2026

Advertisement

އަލްޖީރިއާ ބަލިކޮށް، ސްވިޒަލެންޑް ގަދަ 16 އަށް

03 ޖުލައި 2026

|

މުޙައްމަދު އަދުހަމް

ވޯލްޑް ކަޕުގައި އަލްޖީރިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު ސްވިޒަލެންޑުގެ އެމްބޯލޯ އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ނޮޮކްއައުޓް ބުރުގައި މިއަދު ހެނދުނު ކުޅުނު މެޗުގައި އަލްޖީރިއާ 2-0 އިން ބަލިކޮށް، ސްވިޒަލެންޑް އެ މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފި އެވެ.

މިއީ 1938 ވަނަ އަހަރުގެ ފަހުން ފީފާ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ސްވިޒަލެންޑްގެ ފުރަތަމަ މޮޅެވެ.

ކެނަޑާގެ ބީސީ ޕްލޭސް ވެންކޫވާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ދިހަ ވަނަ މިނެޓުގައި ސްވިޒަލެންޑުން ލީޑު ނެގީ ޖޯހަން މަންޒަމްބީ ދިން ބޯޅައަކުން ބްރީލް އެމްބޯލޯ އެވެ.

ފުރަތަމަ ހާފުގައި އަލްޖީރިއާ އަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި އިތުރުވަގުތުގެ ތެރޭގައި އިބްރާހިމް މާޒާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ވޯލްޑް ކަޕުގައި ސްވިޒަލެންޑާއި އަލްޖީރިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފީފާ.ކޮމް

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެ ތެރޭގައި ސްވިޒަލެންޑް ގެ ދެވަނަ ލަނޑުޖަހައިދިނީ ޑޭން އެންޑޮޔޭ އެވެ. އޭނާ މި ލަނޑުޖެހީ އޭރިއާ ތެރެއިން އަލްޖީރިއާގެ ކުޅުންތެރިއަކު ދިފާއުކުރަން ޖައްސާލި ބޯޅައެއް ލިބުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. 

އޭގެފަހުން، އަލްޖީރިއާގެ ކެޕްޓަން، ރިޔާދް މާރޭޒަށް ލަނޑުޖަހަން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ސްވިޒަލެންޑްގެ ޑިފެންޑަރު ވަނީ ސަލާމަތްކޮށްފަ އެވެ. އަދި އޭގެފަހުން، މެޗު ނިމެންދަނިކޮށް ސްވިޒަލެންޑްގެ ފަބިއެން ރީޑާ އަށް އެ ޓީމުގެ ލީޑު ފުޅާކޮށްދޭން ލިބުނު ފުރުސަތުގެ ބޭނުމެއްނުހިފުނެވެ. އޭނާ ފޮނުވާލި ބޯޅަ އަލްޖީރިއާގެ ކީޕަރު، ލޫކަ ޒިދާން ވަނީ ހުއްޓުވައިފަ އެވެ.

މުބާރާތުގައި ސްވިޒަލެންޑް ދެން ނިކުންނާނީ ކޮލަމްބިއާ އާ ގާނާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ވަނަ ދުވަހު ރާއްޖެގަޑިން މެންދަމު 1 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު