ENGLISH

03 ޖުލައި 2026

Advertisement

ޑްރަގްގެ ވަބާއިން ގައުމު ސަލާމަތްކުރުމުގެ ގައުމީ މިޝަން ކާމިޔާބުކުރަން ގޮވާލައްވައިފި

03 ޖުލައި 2026

|

އައިމިނަތު ޝަފާ

ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިހުސާން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ބޭއްވި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ދާހިލީ ވުޒާރާ.

ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަސްތުވާތަކެތީގެ ވަބާކަން ފާހަގަކުރައްވައި، މި ވަބާއިން ގައުމު ސަލާމަތްކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ މުހިންމު ގައުމީ މިޝަން ކާމިޔާބުކަމާއެކު ނިންމުމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިހުސާން ފުލުހުންނަށް ގޮވާލައްވައިފިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ބޭއްވި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްތުވާތަކެތީގެ ސަބަބުން ވަކިވަކި ފަރުދުންގެ މުޅި ހަޔާތް ބަރުބާދުވެ، އާއިލާތަކުގެ ތެރޭގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މުޅި މުޖުތަމައުގައި ހިންގާ އޮގަނައިޒްޑް ކްރައިމް ނުވަތަ ރާވައިގެން ހިންގާ ބޮޑެތި ކުށްތަކަށް ބޭނުންވާ ފަންޑުވެސް ހޯދަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ދިވެހި ފުލުހުންނާ އަޅުގަނޑުމެން ޙަވާލުކޮށްފައިވާނެ އެންމެ ވަރުގަދަ، އެންމެ އަޒުމް ވަރުގަދަކޮށް ހިފަހައްޓަންޖެހޭ، އަދި އެންމެ ކާމިޔާބުކަމާއެކު ނިންމަންޖެހޭ މިޝަނަކީ މި ޑްރަގުގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުން،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއީ އުނދަގޫ ކަމެއް ނަމަވެސް، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ދިވެހި ފުލުހުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރި މަސައްކަތުން ފަހުރުވެރިވާފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އަދި އަލަށް ސަފުތަކާ ގުޅުނު ފުލުހުންނާއެކު ކުރެވޭ ބުރަ މަސައްކަތުން، މި ހިނގާ ރިޔާސީ ދައުރުގެ ބާކީއޮތް ދެ އަހަރާއި ބައިގެ ތެރޭގައި މި މައްސަލައަށް ދިވެހި ރައްޔިތުން އެދޭފަދަ ދާއިމީ ހައްލެއް ހޯދައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މާދަމާއިން ފެށިގެން ހިދުމަތަށް ނިކުންނައިރު ކުރިމަތިލާންޖެހޭ ކުށުގެ ވެށި ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. ހާއްސަކޮށް ޑްރަގް ޓްރެފިކް ކުރާ މީހުން ފައިސާގެ މުއާމަލާތް ކުރުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމާއި، ސައިބާ ސްޕޭސް އަދި އޮންލައިން ފްރޯޑުގެ އިތުރުން، ޑިޖިޓަލް ކަރަންސީ ބޭނުންކޮށްގެން ހިންގާ މަނީ ލޯންޑްރިން ފަދަ ކުށްތައް އިތުރުވެފައިވާތީ، ފުލުހުންގެ ޒަމާނީ ތައުލީމާއި ހާއްސަ ތަމްރީނުތަކުގެ އެހީގައި މިކަންކަމަށް ތައްޔާރުވާންޖެހޭނެކަމަށެވެ.

މީގެއިތުރުން، ފުލުހުންގެ އެންމެ ބޮޑު ހަތިޔާރަކީ ބެޓަނާއި ޕެޕާ ސްޕްރޭ ނޫންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށްޓަކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ހިތްތިރިކަމާއެކު ހިދުމަތް ކުރަންޖެހޭނެ ކަމަށެވެ. އަދި އޮފިސަރުންގެ އިންޓެގްރިޓީ ނުވަތަ ނަޒާހަތްތެރިކަން ގެއްލުވާލާ ދުވަހަކީ ފުލުހުންގެ ޔުނިފޯމް އެޅުމުގެ ހައްގު ގެއްލޭނެ ދުވަސް ކަމަށްވެސް ވަޒީރު ހަނދާންކޮށްދެއްވިއެވެ.

ސަރުކާރުގެ ކޮމިޓްމަންޓަކީ ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި، ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ފުލުހުން ގާއިމުވެ ތިބޭ ކޮންމެ ރަށެއްގައި ފުރިހަމަ އުމްރާނީ ވަސީލަތްތަކާއެކު ޒަމާނީ މަރުކަޒުތައް ބިނާކޮށްދިނުން ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު