ENGLISH
03 ޖުލައި 2026
ކޮރަޕްޝަނަކީ އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ، ބޮޑުވެގެންވާ ފާފައެއް: ހުކުރު ޚުޠުބާ
03 ޖުލައި 2026
|
އެންމެ މަޤްބޫލު
ކޮރަޕްޝަނަކީ އިންސާނާގެ ފިޠުރަތު އެ ކަމަށް ނުރުހޭ، އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއް ކަމަށާއި، މިއީ ބިން ފަސާދަކުރާ، ސަލާމަތްބުއްދިއާ ފުށުއަރާ، ނަފުސުގެ ޢިއްޒަތް ފޭރިގަންނަ ދަށު ދަރަޖައިގެ ޢަމަލުތަކަކަށްވީހިނދު މިއީ އިލާހީ ކޯފާއަށް ހުށަހެޅޭ، ބޮޑުވެގެންވާ ފާފައެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފި އެވެ.
"ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، ކޮރަޕްޝަނަކީ މަޤާމުގެ ނުފޫޒު ނުވަތަ ލިބިފައިވާ އިޚުތިޔާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް ކުރެވޭ ކޮންމެ ކަމެއް ކަމަށެވެ.
ތިމާއާ ޙަވާލުވެވިފައިވާ މަސްއޫލިއްޔަތާއި ޒިންމާއަކީ، އެއާ މެދު ތިމާއާ ސުވާލުވެވޭނޭ އަމާނާތެއް ކަމަށާއި، ތިމާގެ ނުފޫޒު އަމިއްލަ އެދުމަކަށް ޓަކައި ބޭނުންކުރުމަކީ، ޚިޔާނަތްތެރި ޢަމަލެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
"މުޖުތަމަޢުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތެވެ. ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާޠިލުކަމެއް ޙައްޤުކަމަކަށްހެދުމަށް ދެވޭ ކޮންމެ އެއްޗެކެވެ. ރިޝްވަތުދިނުމާއި، ރިޝްވަތުގައި ހިފުމަކީ ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެކެވެ." ޚުޠުބާގައި ބުންޏެވެ.
ކޮރަޕްޝަނުގެ ނުބައި ޢަމަލުތައް މުޖުތަމަޢުގައި ފެތުރިފައިވާ މިންވަރުން، އެއީ ކަން އޮންނަންވީ މަގުކަމުގައި އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮތް ނަމަވެސް، މިއީ ނުހަނު ނުރައްކާތެރި ކަމެއް ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.
"ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މާތް ﷲގެ ކޯފާއާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ ލަޢުނަތް އެ މީހެއްގެ މައްޗަށް ހުއްޓެވެ! އެ ފަދަ މީހަކީ އީމާންކަމުގެ ނޫރު ކަނިވެ، ޙަޔާތް އަބާއްޖަވެރިވެ، ނަރަކައިގެ އަލިފާނަށް ހުށަހެޅޭނޭ މީހެކެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ކޮރަޕްޝަނުގެ ސަބަބުން އިޖުތިމާޢީ ޢަދުލުވެރިކަން ނެތިވެ، ފަޤީރުކަން އިތުރުވެ، އިޤުތިޞާދުގެ ތަނބުތައް ފުނޑުފުނޑުވާ ކަމަށެވެ. ކޮރަޕްޝަނާއި ރިޝްވަތަކީ، ނާއިންސާފާއި ބިރުވެރިކަން ޢާންމުވެ، ތަރައްޤީއަށް ހުރަސްއެޅޭ ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
ކޮރަޕްޝަނާއި ރިޝްވަތަށް މަގުފަހިވާ ސަބަބުތަކުގެ ތެރޭގައި، ނަފުސުގެ ދަހިވެތިކަން ހިމެނޭ ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.
އިންސާނާއަކީ ފުދުންތެރި ދިރިއުޅުމެއް އުޅޭހައި ހިނދަކު މިނިވަނެއް ކަމަށާއި، އެ ސިފަ ހުންނަ މީހާ ޙަރާމް މަންފާއަށް ދަހިވެތިވެ އޭނާގެ ދީނާއި ނަފުސުގެ ކަރާމާތް ވިއްކައެއް ނުލާނެ ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، އަމާނާތްތެރިކަމަކީ މުއުމިނުންގެ އަސާސީ ސިފައެއް ކަމަށާއި، ޚިޔާނާތްތެރިކަމަކީ މުނާފިޤުންގެ ޢަލާމާތެއް ކަމަށެވެ. ކޮރަޕްޝަނާއި ރިޝްވަތު ޢާންމުވީ ނަމަވެސް، އެއީ އާދައިގެ ކަމެއްކަމުގައި ދެކި، ހެއްލުންތެރިނުވުމަށާއި، އެ ދުވަހަކުން، ތިމާ ފަޟީޙަތްވާނޭ ދުވަހާ މެދު ބިރުވެތިވުމަށް ޚުޠުބާގައި ހަނދާންކޮށްދީފައިވެ އެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ޙަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނައުމަށް އެދޭ ނަމަ، މާތް ﷲ ޙަރާމްކުރައްވައިފައިވާ އެންމެހައި ކަމަކުން ދުރުހެލިވުމަށްފަހު ތަޤުވާވެރިވެ، ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމަށް ގޮވާލައިފަ އެވެ.
ދުނިޔެވީ ޙަޔާތުގެ ބާއްޖަވެރިކަމާއި، އާޚިރަތުގެ ފަލާޙަށް އެދޭ ނަމަ، ކޮރަޕްޝަނާއި ރިޝްވަތުގެ ނޭއްގާނީ ޢަމަލުތަކާ ދުރުހެލިވެ، މާތް ﷲގެ ކޯފާއާ މެދު ބިރުވެތިވުމަށްފަހު ތަވާޟުޢުވެރިކަމާއި ނަފުސުގެ ފުދުންތެރިކަމުގެ މައްޗަށް ދިރިއުޅުން ބިނާކުރުމަށް ޚުޠުބާގައި ބުންޏެވެ.