ENGLISH
03 ޖުލައި 2026
ބީއެމްއެލްއިން 'ސްޕްލިޓް ޕޭ' ގެ ހިދުމަތް ތައާރަފުކޮށްފި
03 ޖުލައި 2026
|
ބީއެމްއެލް ސްޕްލިޓްޕޭ ގެ ހިދުމަތް ތައާރަފުކުރުން. ފޮޓޯ؛ ބީއެމްއެލް.
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް "ބީއެމްއެލް ސްޕްލިޓްޕޭ" ތައާރަފްކޮށްފިއެވެ.
މިއީ ކްރެޑިޓް ކާޑުން ވިޔަފާރިކުރާއިރު ޚަރަދުތައް މެނޭޖްކުރުމުގައި އިތުރު ލުއިފަސޭހަކަމާއި އިހުތިޔާރު ކަސްޓަމަރުންނަށް ލިބިގެންދާނެ އައު ޚިދުމަތެއްކަމަށް ބޭންކުން ބުންޏެވެ.
ސްޕްލިޓްޕޭ ޚިދުމަތާއެކު 1,500 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދައްކަންޖެހޭ އަދަދު ތިން މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެެވެ. މިއާއެކު އަގުބޮޑު ތަކެތި ގަތުމުގައި މާލީގޮތުން ރޭވުންތެރިކަމާއެކު ފައިސާ ބެލެހެއްޓުމަށް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބޭނެއެވެ.
ބީއެމްއެލް ސްޕްލިޓްޕޭ ލިމިޓް ކަނޑައެޅިފައިވާ ކަސްޓަމަރުންނަށް މި ޚިދުމަތްދޭ ވިޔަފާރިތަކުން ސްޕްލިޓްޕޭގެ ޚިދުމަތް ބޭނުންކުރެވޭނެއެވެ. އަދި ބީއެމްއެލް އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް، ވިސާ ނުވަތަ މާސްޓަރކާޑް ބްރޭންޑްގެ ކްރިޑިޓް ކާޑަކުން ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދައްކާ ވަގުތު އެ މުއާމަލާތް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ވަގުތުން ބަދަލުކޮށްލެވޭނެއެވެ.
މި ހިދުމަތް ތައާރަފުކުރުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލް ސްޕްލިޓްޕޭ މެދުވެރިކޮށް ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި އިތުރު ލުއިފަސޭހަކަމެއް ހޯދައިދީފައިވާކަމަށެވެ.
"މި ޚިދުމަތުގެ ސަބަބުން ފައިސާ ދެއްކުން ބަހާލައިގެން ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ކަސްޓަމަރުންގެ މާލީ ކަންކަން ބަޖެޓްކޮށް ރާވާލުމަށް އިތުރު ލުއިފަސޭހަކަން ލިބޭނެ،". ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
މި ޚިދުމަތަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އީޖާދީ ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފުކުރި ހިދުމަތެކެވެ.