ENGLISH

03 ޖުލައި 2026

Advertisement

އެއިޓީން ތާޓީ: ޗެމްޕިއަން ސިފައިން އަތުން ވެމްކޯއަށް މޮޅެއް

02 ޖުލައި 2026

|

އިސްމާއިލް ޝާހު

އެއިޓީން ތާޓީގައި ސިފައިންގެ ކުލަބާއި ވެމްކޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތް، އެއިޓީން ތާޓީ 2026 ގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަތުން ކުލަބު ވެމްކޯ މޮޅުވެއްޖެއެވެ.

މި އަހަރުގެ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަން ފެށުމުގެ ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރިއިރު، އެ އެއްބަސްވުމުގެ ދަށުން ކްލަބް މޯލްޑިވްސްއިން ބާއްވާ "ކްލަބް މޯލްޑިވްސް ކަޕް" އަދި "އެއިޓީން ތާޓީ" ފުޓްސަލް މުބާރާތްތައް ވަނީ އެފްއޭއެމްއިން އެންޑޯސްކޮށްގެން ކުރިއަށްގެންދާ މުބާރާތްތަކަށް ވަނީ ވެފައެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ އެއިޓީން ތާޓީގައި ތިން ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ޑީއެސްސީ، ވެމްކޯ އަދި ބިސް ބުރު ސްޕޯޓްސް ކުލަބެވެ. އެއާއެކު މުބާރާތުގެ ކުޅުން ކުރިއަށްދަނީ ލީގު އުސޫލުން ދެ ލެގު ކުޅުމަށްފަހު، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މި މުބާރާތުގެ ކުޅުން މިރޭ ފެށިއިރު، ފުރަތަމަ މެޗުގައި ސިފައިންގެ ކުލަބު އަތުން ވެމްކޯ މޮޅުވީ ފަހަތުން އަރައި 5-3 ގެ ނަތީޖާއަކުންނެވެ.

ސިފައިންގެ ކުލަބުން ވަނީ މި އަހަރުގެ މުބާރާތަށް ބަންގްލަދޭޝްގެ ކެޕްޓަން ސަބީނާ ކަތުން އާއި، ސުމައްޔާ މަތުސުޝިމާ އަލުން ގެނެސްފައެވެ. އެއިޓީން ތާޓީގެ ޗެމްޕިއަންކަން ހަތަރު ފަހަރު ސިފައިންގެ ކުލަބުން ހޯދާފައިވާއިރު، އެ ކާމިޔާބީގައި އެ ދެ ކުޅުންތެރިންގެ ދައުރު ބޮޑެވެ. އެކަމަކު މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، ސިފައިންގެ ކުލަބުން ސަބީނާ އާއި ސުމައްޔާ ގެނެސްފައެއް ނުވެއެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ނުވަ މިނެޓުގެ ތެރޭގައި ސިފައިންގެ ކުލަބުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން ސުމައްޔާ ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މައީޝާ އަބްދުލް ހަންނާނެވެ. އެކަމަކު ވެމްކޯއިން ވަނީ ކުޅުން ރަނގަޅުކޮށް، ފަސް ލަނޑު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ އަޗްލޭ ލަރިއްސާ އޮލިވެއިރާ ޑަ ސިލްވާ، ހައްވާ ހަނީފާ، މަރިޔަމް ނޫރާ އަދި މާޔާ ކަސިއާ ބަލްޑައްސޯއެވެ. މީގެ ތެރެއިން ނޫރާ ވަނީ ދެ ލަނޑު ޖަހާފައެވެ.

މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ.

  • ބިސް ބުރު - ސިފައިންގެ ކުލަބު (20:15)
ކިޔުންތެރިންގެ ހިޔާލު