ENGLISH
03 ޖުލައި 2026
ޔޫތު ޗެމްޕިއަންޝިޕް: ކެޔޮދޫ އަތުން އޮޑި ސްޕޯޓްސްއަށް ބޮޑު މޮޅެއް
02 ޖުލައި 2026
|
ޔޫތު ޗެމްޕިއަންޝިޕުގައި ކެޔޮދޫ އާއި އޮޑި ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި ކެޔޮދޫ އަތުން އޮޑި ސްޕޯޓްސް ކުލަބު ބޮޑު މޮޅެއް ހޯދައިފިއެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ އޮޑި ސްޕޯޓްސް އާއި، ކެޔޮދޫގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ބުރު ސްޕޯޓްސް ކުލަބެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން އޮޑި ސްޕޯޓްސް މޮޅުވީ ކެޔޮދޫ އަތުން 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގައި އޮޑި ސްޕޯޓްސްގެ ފުރަތަމަ މޮޅެވެ. އެގޮތުން މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ނިއު ރޭޑިއަންޓާ ވާދަކޮށް، 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އަދި މިރޭގެ މެޗުން ބަލިވި ކެޔޮދޫ ވަނީ ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
މިރޭ ކުޅުނު މެޗުގައި އޮޑި ސްޕޯޓްސްގެ ހުސައިން ސުހައިދު ސުހާން ފަސް ލަނޑު ޖެހިއިރު، އެ ޓީމުގެ އަލީ އައިހަމް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އޮޑި ސްޕޯޓްސްގެ އަނެއް ލަނޑު ޖަހައިދިނީ އަބްދުﷲ ރިޒާން މުޙައްމަދެވެ.
މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ އާދީއްތަ ދުވަހެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި އޮޑި ސްޕޯޓްސް އާއި ޓީސީ ބައްދަލުކުރާއިރު، އެ ރޭ ކުޅޭ މެޗުގައި ބުރު ސްޕޯޓްސް ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.