ENGLISH

18 އޭޕްރީލު 2025

Advertisement

ވޯރިއާސް އަތުން ލޭކާސް މޮޅުވިއިރު، ޑޭވިސް އަށް އަނިޔާވެއްޖެ

26 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ވޯރިއާސްއާ ލޭކާސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

އެންބީއޭގައި މިއަދު ކުޅުނު މެޗުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި އޮސްޓިން ރީވްސް ވައްޓާލި ދެ ޕޮއިންޓާއެކު ލޮސް އެންޖެލަސް ލޭކާސް އިން 115-113 އިން ގޯލްޑެން ސްޓޭޓް ވޯރިއާސްގެ މައްޗަށް ކުރިހޯދައިފިއެވެ.

އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ޗޭސް ސެންޓަރުގައި ކުޅުނު މި މެޗު ފެށިގެން ލޭކާސްއާ ވޯރިއާސް ވަރަށް އެއްވަރުކޮށް ފެނިގެންދިޔައިރު، ފުރަތަމަ ކުއާޓާ ނިންމާލިއިރު ދެ ޓީމު އޮތީ 23-23 އިން އެއްވަރުވެފައެވެ. މި ކުއާޓާރގެ ކުރީކޮޅު، އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ، އެންތަނީ ޑޭވިސް އަށް އަނިޔާވެގެން ވަނީ މެޗުން ވަކިވެފައެވެ.

މެޗުގެ ދެވަނަ ކުއާޓާރގެ އިތުރުން ތިންވަނަ ކުއާޓާގައި ލޭކާސް އިން ކުރިހޯދިއެވެ. ލޭކާސް އިން ދެވަނަ ކުއާޓާ ގެންދިޔައީ 32-29 އިންނެވެ. އަދި އެއަށްފަހު، ތިންވަނަ ކުއާޓާގައި 29-24 އިން ކުރިހޯދިއެވެ.

އެކަމަކު، އޭގެފަހުން ކުޅެވުނު މެޗުގެ އެންމެ ފަހު ކުއާޓާގައި 37-31 އިން ވޯރިއާސް ކުރިހޯދި ނަމަވެސް، ލޭކާސް އިން މި ކުއާޓާގައި ދެ ޓީމުގެ ފަރަގު އިތުރަށް ބޮޑުވިޔަނުދީ ކުރި މަސައްކަތުގެ ސަބަބުން އެ ޓީމަށް މުޅި މެޗުން ކުރިލިބުނީ ދެ ޕޮއިންޓްގެ ފަރަގުންނެވެ.

މި މެޗުގައި ލޭކާސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިން ލެބްރޮން ޖޭމްސް ވަނީ ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ. ޖޭމްސް ވަނީ 31 ޕޮއިންޓާއެކު 10 އެސިސްޓް ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މެޗު ނިމެންދަނިކޮށް މުހިއްމު ދެ ޕޮއިންޓް އެއްކޮށްދިން އޮސްޓިން ރީވްސް އެވެ. އޭނާ ވަނީ ޓްރިޕަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ. އޮސްޓިން ރީވްސް ވަނީ 26 ޕޮއިންޓާއެކު، 10 ރީބައުންޑް ނަގައި، 10 އެސިސްޓް ހަދާފައެވެ.

ވޯރިއާސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ސްޓެފް ކަރީ އެވެ. ކަރީ ވަނީ 38 ޕޮއިންޓާއެކު ހަ އެސިސްޓް ހަދާފައެވެ. އެންޑްރޫ ވިގިންސް ވަނީ 21 ޕޮއިންޓާއެކު 12 ރީބައުންޑް ނަގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު