ENGLISH

01 ޖުލައި 2026

Advertisement

މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓްކުރީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ

01 ޖުލައި 2026

|

އާމިނަތު ނުޒްލާ

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ - ފޮޓޯ: ފުލުހުންގެ އިދާރާ

މިދިޔަ މަހުގައި އެންމެ ގިނައިން ރިޕޯޓްކުރެވުނީ ވައްކަމާއި، މަސްތުވާތަކެތީގެ މައްސަލަކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ މަހަކު އެއްފަހަރު ފުލުހުން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 1028 މައްސަލައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ އެކްސިޑެންޓްގެ މައްސަލަތަކެވެ.

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • ވައްކަން ކުރުމުގެ 319 މައްސަލަ
  • މަސްތުވާތަކެތީގެ 242 މައްސަލަ
  • ޓްރެފިކް އެކްސިޑެންޓު 195 މައްސަލަ
  • މުދާ ގެއްލިގެން 82 މައްސަލަ
  • މުދަލަށް ގަސްތުގައި ގެއްލުން ދިނުން 58 މައްސަލަ
  • މަކަރާއި ހީލަތް ހެދުން 55 މައްސަލަ
  • ޖިންސީ ގޯނާގެ 25 މައްސަލަ
  • ޚިޔާންތަތެރިވުން 25 މައްސަލަ
  • ގެވެށި އަނިޔާ 19 މައްސަލަ
  • ފޭރުމުގެ 7 މައްސަލަ
  • ފޯޖް ކުރުމުގެ 2 މައްސަލަ

ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ނެވެ. މެއި މަހާއި އަޅާބަލާއިރު ވައްކަމުގެ އަދަދު ޖޫން މަހުގައި ވަނީ ދަށްވެފައެވެ. މެއި މަހުގެ ވައްކަމުގެ 338 މައްސަލައެއް ރިޕޯޓްކުރިއިރު ޖޫން މަހު ރިޕޯޓްކޮށްފައިވަނީ 319 މައްސަލައެވެ.

އެކްސިޑެންޓުގެ އަދަދު ވެސް މެއި މަހަށްވުރެ ޖޫން މަހު ދަށްވެފައިވެއެވެ. އެގޮތުން ޖޫން މަހު އެކްސިޑެންޓްތަކުގެ އަދަދު ވަނީ 249 އިން 195 އަށް ދަށްވެފައެވެ.

ފުލުހުންގެ ކޮންމެ މަހަކު އާންމުކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓްކޮށްފައި ހުންނަނީ ވައްކަމުގެ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި ހުންނަނީ އެކްސިޑެންޓްގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލައެވެ. މެއި މަހާއި އަޅައިބަލާއިރު ޖޫން މަހު މަސްތުވާތަކެތީގެ މައްސަލަ އިތުރުވެފައިވެއެވެ.

ވައްކަމާއި މަގުމަތީގެ އެކްސިޑެންޓްތަކާއި އެނޫންވެސް ނުރައްކާތެރި ކުށަތަކުން ސަމާލުވުމަށް ދިވެހި ފުލުހުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އަދި މިފަދަ ކުށްތަކުން ރައްޔިތުން ހޭލުންތެރިކުރަންވެސް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު