ENGLISH

01 ޖުލައި 2026

Advertisement

އެސްޓީއޯގެ ހުރިހާ ބޭސް ފިހާރައެއް ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށްފި

01 ޖުލައި 2026

|

އައިމިނަތު ޝަފާ

ސްޓޭޓް ފާމާގެ ބޭސްފިހާރަ - ފޮޓޯ: ސްޓޭޓް ފާމާ

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އައި ފާމަސީތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) ގެ ދަށަށް ބަދަލުކޮށްފިއެވެ. 

އެސްޓީއޯގެ ދަށުން ހިންގަމުންދިޔަ ހުރިހާ ބޭސްފިހާރަތަކެއް ސްޓޭޓްފާމާގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ފަހުކޮޅެވެ.

އެ މަސައްކަތް ނިމި، މިއަދުން ފެށިގެން ސްޓޭޓްފާމާގެ ދަށުން ހިދުމަތް ދޭން ފެށިއިރު ކުންފުނީގެ މަގުސަދަކީ މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް ފަސޭހަކަމާއެކުލިބޭނެ މަގު ތަނަވަސްކޮށްދީ، މި ހިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމެވެ. 

އެކުންފުނިން ވަނީ މި ގެނެވޭ ބަދަލުތައް ތަންފީޛުކުރަމުންދާއިރު، އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ. އަދި ކުންފުނީގެ ހޮޓްލައިން 1505 މެދުވެރިކޮށް 24 ގަޑިއިރު ރައްޔިތުންނަށް އެހީތެރިކަން ލިބޭނެކަމަށާއި ކުންފުނީގެ އެންމެ އިސް މަގުސަދަކީ "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" ފެންވަރު ރަނގަޅު، ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް ކުންފުނިން ބުންޏެވެ. 

ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބުމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި މި ކުންފުނި އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. އަދި މިތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީ ވެސް މި ކުންފުނީގެ މަސައްކަތެކެވެ. 

ކިޔުންތެރިންގެ ހިޔާލު