ENGLISH
01 ޖުލައި 2026
އެންސްޕާގެ ކޯލް ސެންޓަރެއް އައްޑޫގައި ޤާއިމްކޮށްފި
01 ޖުލައި 2026
|
އައްޑޫގައި ގާއިމްކުރެވުނު އެންސްޕާގެ ކޯލް ސެންޓަރުގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސިއްހީ ވުޒާރާ
އެންމެ މަޤްބޫލު
ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އައްޑޫ ސިޓީގައި ކޯލްސެންޓަރު ގާއިމްކޮށް، ހިދުމަތް ދޭން ފަށައިފިއެވެ.
ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ބުނީ، މިއަދުން ފެށިގެން އެންސްޕާގެ ކޯލް ސެންޓަރުގެ ހިދުމަތްދޭ ވަގުތު އިތުރު ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ހުރިހާ ދުވަހަކު ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އެންސްޕާގެ ކޯލް ސެންޓަރުން ދެމުން އަންނަ ހިދުމަތުގެ ގަޑި އިތުރުކޮށް، އައްޑޫގައި ގާއިމް ކުރެވުނު ކޯލް ސެންޓަރުން ހިދުމަތް ދޭން ފެށުމާއެކު، އެންސްޕާގެ ހިދުމަތް ހޯދަމުން އަންނަ ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބިގެންދާންދާނެއެވެ.
އެންސްޕާއިން ދެމުން އަންނަ ހިދުމަތްތަކަށް، މިހާރު ވަން ގަވް މެދުވެރިކޮށް ފޯމް ހުށަހެޅެއެވެ. އެގޮތުން ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ އާއި، ތެލެސީމިއާ އެލަވަންސާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ އެހީގެ ޕްރޮގްރާމާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތަކާއި، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދޭ މާލީ އެހީގެ ޕްރޮގްރާމަށް ވަންގަވް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
އެންސްޕާގެ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް، އެ އެޖެންސީގެ ހޮޓްލައިން ނަންބަރު "1402" އަށް ގުޅައިގެން ސާފުކުރެވޭނެއެވެ. އެގޮތުން މެޑިކަލް ވެލްފެއަރ ނުވަތަ ބޭސްފަރުވާގެ އެހީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާލީ އެހީ، ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ އިތުރުން އެންސްޕާގެ ޚިދުމަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް ހޮޓްލައިންއަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.