ENGLISH
01 ޖުލައި 2026
ކްލަބް މޯލްޑިވްސް ކަޕް: އެމްޕީއެލް، ސްޓެލްކޯ، އާރްއާރްސީ އަދި އެޗްޑީސީއަށް މޮޅެއް
01 ޖުލައި 2026
|
ކްލަބް މޯލްޑިވްސް ކަޕުގައި އެމްޕީއެލް އާއި ޓީޓީއެސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް 2026 ގައި މިރޭ ކުޅުނު މެޗުތަކުން އެމްޕީއެލް، ސްޓެލްކޯ ރެކްރިއޭޝަން ކުލަބު، އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އަދި ކުލަބު އެޗްޑީސީ މޮޅުވެއްޖެއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސްކޮށްފައިވާ މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕުގައި 17 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ހަތަރު ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ފަސް ޓީމެވެ.
މި މުބާރާތުގައި މިރޭ ކުޅުނު މެޗުތަކަކީ މީގެ ކުރިން އާދީއްތަ ދުވަހުގެރޭ ކުޅެން ތާވަލުކުރި މެޗުތަކެކެވެ. އެކަމަކު މޫސުން ގޯސްވުމާ ގުޅިގެން މެޗުތައް ކުޅެފައިވަނީ މިރެއެވެ. ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް އޭގައި މިރޭ ކުޅުނު މެޗުން އެމްޕީއެލް މޮޅުވީ ކުލަބު ޓީޓީއެސް އަތުން 7-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެމްޕީއެލްގެ އަޙްމަދު ނިޒާމް ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް އަތީގު ހަސަން، މުޙައްމަދު ސަޚާއު، އިބްރާހީމް ވަހީދު ހަސަން، އަލީ ފާސިރު އަދި ހަސަން ޔޫނެވެ. މި މެޗުގައި ޓީޓީއެސްގެ ދެ ލަނޑުވެސް ޖަހައިދިނީ ހަސަން ނަޒީމެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި ސްޓެލްކޯއިން ވަނީ 6-2 ގެ ނަތީޖާއަކުން ޕޮލިސް ކުލަބު ބަލިކޮށްފައެވެ. މި މެޗުގައި ސްޓެލްކޯގެ މުޙައްމަދު ސިރުޚާން އަދި އިބްރާހީމް ރިމާހު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ނަޒާމް އަދި ޝުއައިދު ސައީދެވެ. އަދި މި މެޗުގައި ޕޮލިސް ކުލަބުން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު އައިހަމް އާއި، މުޙައްމަދު ނަޖާހެވެ.
މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި އޮތް އެމްޕީއެލް އާއި، ދެވަނައިގައި އޮތް ސްޓެލްކޯއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޓީޓީއެސްއަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ޕޮލިސް ކުލަބަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ކްލަބް މޯލްޑިވްސް ކަޕުގައި އާރްއާރްސީ އާއި ކުލަބު ފެން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ޑީގައި ކުޅުނު މެޗުން އާރްއާރްސީ މޮޅުވީ ކުލަބު ފެން އަތުން 11-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އާރްއާރްސީގެ ކެޕްޓަން އަލީ ހާފިޒް ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ ހުސައިން ޣައްސާން ލަބީބު، އަޙްމަދު އަފްލާޒް އަދި އިސްމާޢީލް މުނީޒް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އަޙްމަދު ރިޒުވާން އަދި ޒައިން ޒަފަރެވެ. މި މެޗުގައި ފެން ކުލަބުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ ސައިފާން އަޙްމަދު މަނިކެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި އެޗްޑީސީން ވަނީ 6-3 ގެ ނަތީޖާއަކުން ކުލަބު އިމިގްރޭޝަން ބަލިކޮށްފައެވެ. މި މެޗުގައި އެޗްޑީސީގެ މުޙައްމަދު ސާދު ނިޒާރު ހެޓްރިކެއް ހެދިިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ނާއިޒް ހަސަން، ޔާމިން މުޙައްމަދު އަދި ހުސައިން ސުހައިލެވެ. މި މެޗުގައި އިމިގްރޭޝަނުގެ އަޙްމަދު އައިހަމް ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހައިސަމް ރަޝީދެވެ.
މި ނަތީޖާތަކާއެކު ގްރޫޕް ޑީގެ އެއްވަނައިގައި އޮތް އެޗްޑީސީ އާއި، ދެވަނައިގައި އޮތް އާރްއާރްސީއަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ކުލަބު ވެމްކޯ އާއި، ހަތަރުވަނައިގައި އޮތް އިމިގްރޭޝަނަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އިމިގްރޭޝަނުން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، ވެމްކޯއިން ކުޅެފައިވަނީ ދެ މެޗެވެ. އަދި މި ގްރޫޕުގެ ފުލުގައި އޮތް ފެން ކުލަބަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ ހުކުރު ދުވަހުގެރެއެވެ.