ENGLISH

30 ޖޫން 2026

Advertisement

ޖަރުމަން އަތުން މޮޅުވުމާ ގުޅިގެން، ޕެރަގުއޭގައި ސަރުކާރު ބަންދު ދުވަހެއް އިއުލާންކޮށްފި

30 ޖޫން 2026

|

އިސްމާއިލް ޝާހު

ޖަރުމަން އަތުން މޮޅުވުމާ ގުޅިގެން ޕެރެގުއޭގެ މަގުތަކުގައި އެ ޤައުމުގެ ރައްޔިތުން އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 އަށް ކޮލިފައިވުމަށްޓަކައި ޕެރަގުއޭއިން ޖަރުމަނުގެ މައްޗަށް ހޯދި ހައިރާންކުރުވަނިވި ކާމިޔާބީ ފާހަގަކުރުމަށް، އެ ޤައުމުގެ ރައީސް ސެންޓިއާގޯ ޕެނާ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިފިއެވެ.

ދެކުނު އެމެރިކާއަށް ނިސްބަތްވާ ޕެރަގުއޭއިން ހަތަރު ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ބަލިކުރީ، ރޭ ކުޅުނު މެޗުގެ 90 މިނެޓާއި، އިތުރު ވަގުތުގެ ދެ ހާފު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުންނެވެ. މިއީ ވޯލްޑް ކަޕުގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ބޮޑު އެއް ސިހުމެވެ.

"މިއަދު މުޅި ޤައުމު މިދަނީ އުފާފާޅުކުރަމުން،" ބަންދު ދުވަސް ކަނޑައަޅުއްވައި ސޮއިކުރައްވާ ފޮޓޯއަކާއެކު ރައީސް ޕެނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

"މި ފާހަގަކުރަނީ އަހަރެމެންގެ އަސްލު އައިޑެންޓިޓީ ރަމްޒުކޮށްދޭ ޓީމެއްގެ ކާމިޔާބީ. އެއީ ދުވަހަކުވެސް އުއްމީދު ކަނޑާނުލައި، ހިތްވަރާއި ސާބިތުކަންމަތީ ދެމިތިބޭ ބައެއްގެ ވަރުގަދަ އަޒުމް."

ރައީސް ޕެނާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ރިޔާސީ ގަރާރުގައި ވިދާޅުވެފައިވަނީ، ޕެރަގުއޭއިން ހޯދި މި ކާމިޔާބީއަކީ ހަމައެކަނި ކުޅިވަރުގެ މައިދާނުގައި ހޯދި ކާމިޔާބީއަކަށްވުރެ މާ ފުން މާނައެއް އެކުލެވިގެންވާ، މުޅި ޤައުމު އެއްބައިވެ އުފާފާޅުކުރުން ހައްގުވާ ކަމެއް ކަމަށެވެ.

"މި މަތިވެރި ކާމިޔާބީއާ މެދު ސަރުކާރަށް ހިމޭނުން ނޯވެވޭނެ،" ގަރާރުގައިވެއެވެ. "މި ތާރީޚީ ކާމިޔާބީގެ އުފަލުގައި ބައިވެރިވުމަށްޓަކައި ހުރިހާ ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް."

މި މުބާރާތުގައި ޖަރުމަނު އަތުން ހައިރާންކުރުވަނިވި ނަތީޖާއެއް ހޯދުމަށްފަހު، ޤައުމީ ބަންދު ދުވަހެއް އިއުލާންކުރި ދެކުނު އެމެރިކާގެ ދެވަނަ ޤައުމަކީ ޕެރަގުއޭއެވެ.

މިދިޔަ ހަފުތާގައި، ގްރޫޕް އީގައި ޖަރުމަނު އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ނޮކްއައުޓް ބުރަށް އެކުއަޑޯ ދަތުރުކުރުމާ ގުޅިގެން، އެ ޤައުމުގެ ރައީސް ޑެނިއަލް ނޮބޯއާވެސް ވަނީ ޤައުމީ ބަންދު ދުވަހެއް އިޢުލާންކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު