ENGLISH
30 ޖޫން 2026
ވޯލްޑް ކަޕުން އީރާން ކެޓުމުން، އެމެރިކާގެ ސެކިއުރިޓީގެ އިސްވެރިޔާ އުފާފާޅުކުރި
30 ޖޫން 2026
|
އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ އިސްވެރިޔާ މާކްވޭން މުލިން: އީރާން ޓީމު ވޯލްޑް ކަޕުން ކެޓުމުން އޭނާ ވަނީ އުފަލުން ނަޝާފައި --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 އިން އީރާން ވަކިވުމާ ގުޅިގެން، އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ އިސްވެރިޔާ އުފާވެރިކަން ފާޅުކޮށްފިއެވެ. އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީގެ އިސްވެރިޔާ މާކްވޭން މުލިން ބުނި ގޮތުގައި، ވޯލްޑް ކަޕުން އީރާން ކަޓައިގެން ދިޔުމުން އޭނާ އުފަލުން ނެށިއެވެ.
އީރާނަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލުނީ ލަނޑުގެ ތަފާތުންނެވެ. މިސްރާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި އީރާނުން ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ނިންމައި، ގަބޫލުނުކުރުމަކީ އެ ޓީމަށް ކުރިމަތިވި ބޮޑު ހުރަހަކަށްވިއެވެ.
އީރާނުގެ ކޯޗު އާމިރު ގަލެނޮއީ ބުނީ އެމެރިކާ އާއި އިސްރާއީލާއެކު އޮތް ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން، އީރާން ޓީމަކީ މި މުބާރާތުގައި އެންމެ ބޮޑަށް ނިކަމެތިކޮށްލެވުނު ޓީމު ކަމަށެވެ. މުބާރާތް ފެށުމުގެ ކުރިން އީރާނުގެ ފަރިތަކުރުންތައް ކުރިއަށްގެންދާ މަރުކަޒު އެމެރިކާގެ އެރިޒޯނާއިން މެކްސިކޯގެ ޓިއުވާނާއަށް ބަދަލުކުރަން ޖެހުނުއިރު، މުޅި މުބާރާތުގައިވެސް އެ ޓީމަށް ދަތުރުފަތުރުގެ ގިނަ ހުރަސްތަކެއް ކުރިމަތިކުރުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު މިސްރާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، ތިންވަނަ ހޯދާ އެންމެ މޮޅު 8 ޓީމުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އީރާނަށް އޮތެވެ. ނަމަވެސް އާދިއްތަ ދުވަހު އަލްޖީރިއާ އާއި އޮސްޓްރިއާ ބައްދަލުކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވުމާއެކު، އީރާން މުބާރާތުން ވަކިވާން ޖެހޭކަން ޔަގީންވިއެވެ.
ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ މާކްވޭން މުލިން ބުނީ އީރާން ޓީމަށް މުބާރާތް ނިމި، އެ މީހުން އެނބުރިދާތީ ވަރަށް އުފާވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި، އީރާން ޓީމުން ވިސާ ކެންސަލްކޮށް އެމެރިކާގެ ބިމުން ފުރައިގެން ދާން ބުނުމުން އޭނާ "އުފަލުން ލަވަކިޔައި ނެށި" އެވެ. އަދި އެހެން އެއްވެސް ޓީމަކަށްވުރެ ބޮޑަށް އީރާން ޓީމާ ގުޅުންހުރި ކަންކަމުގައި ވަގުތު ހޭދަކުރަން ޖެހުނު ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ވިސާގެ އުސޫލުތައް އޮތްގޮތުން އީރާން ޓީމަށް އެމެރިކާއަށް ވަދެވެނީ މެޗު އޮންނަ ދުވަހުގެ ކުރީ ދުވަހުއެވެ. އަދި މެޗު ނިމޭ ދުވަހު އެ ޤައުމުން ފުރަން ޖެހެއެވެ. ސިއެޓްލްގައި ކުޅުނު ފަހު މެޗަށް ދެ ދުވަސް ކުރިން ދިޔުމުގެ ހުއްދަ ދިން ނަމަވެސް، މެޗަށްފަހު އަނެއްކާވެސް އެނބުރި މެކްސިކޯގެ ޓިއުވާނާއަށް ދާން އެ ޓީމަށް މަޖުބޫރުވިއެވެ.
ކެނެޑާ އަދި މެކްސިކޯއާއެކު ވޯލްޑް ކަޕް ބާއްވާ އެމެރިކާއިން އީރާނާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން ކަމަށް ކޯޗު ގަލެނޮއީ ބުންޏެވެ. އޭނާ ފާހަގަކުރި ގޮތުގައި، މުބާރާތަށް ތައްޔާރުވުމަށްޓަކައި އެ ޓީމަށް ބޭނުންވާ ފަރިތަކުރުންތަކުގެ ވަގުތުން ދެބައިކުޅަ އެއްބައިވެސް ލިބިފައެއް ނުވެއެވެ.
އީރާނުގެ ކެޕްޓަން މެހްދީ ތަރޭމީ ބުނެފައިވަނީ މިފަދަ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ވޯލްޑް ކަޕުގެ ފޯރި އާއި އުފާވެރިކަން ގެއްލިގެންދާ ކަމަށެވެ. އަދި އެމެރިކާއަށް ދިޔަ ފުރަތަމަ ވަގުތުން ފެށިގެންވެސް އެ ނުތަނަވަސްކަން އިހުސާސްކުރެވުނު ކަމަށް އޭނާ ބުންޏެވެ.