ENGLISH

30 ޖޫން 2026

Advertisement

ކްލަސިކް: ހުޅުމާލެ ހޮސްޕިޓަލް ކުއާޓާއަށް، ކުޅިވަރާ ބެހޭ ވުޒާރާ އާއި ފައިނޭންސަށް މޮޅެއް

30 ޖޫން 2026

|

އިސްމާއިލް ޝާހު

ކްލަސިކުގައި ހުޅުމާލެ ހޮސްޕިޓަލް އާއި ޕެމާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކްލަސިލް 2026 ގައި މިއަދު ހަވީރު ކުޅުނު މެޗުން މޮޅުވެ ކުއާޓާ ފައިނަލުގެ ޖާގައެއް ހުޅުމާލެ ހޮސްޕިޓަލުން ކަށަވަރުކުރިއިރު، އަނެއް މެޗުތަކުން ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އަދި ފައިނޭންސް ރެކްރިއޭޝަން ކުލަބު މޮޅުވެއްޖެއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގައި 19 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ހަތަރު ޓީމެވެ.

މި މުބާރާތުގެ ގްރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗުން ހުޅުމާލެ ހޮސްޕިޓަލް ވަނީ 5-2 ގެ ނަތީޖާއަކުން ރައްޔިތުންގެ މަޖިލިސް އިދާރާ (ޕެމާ) ބަލިކޮށްފައެވެ. މި މެޗުގައި ހުޅުމާލެ ހޮސްޕިޓަލްސްގެ ލަނޑުތައް ޖަހައިދިނީ ހަސަން ސޮލާހު، އާދިލް އަބްދުލް ރަހްމާން، ހަސަން ނާއިފް، އިބްރާހީމް ސޯލިހު އަދި އަޙްމަދު ފުއާދެވެ. މި މެޗުގައި ޕެމާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އަދި އަލީ ސާޖިދެވެ.

މި މޮޅާއެކު ގްރޫޕް އޭގެ އެއްވަނަ ހުޅުމާލެ ހޮސްޕިޓަލުން ކަށަވަރުކުރީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޓީމު އެޗްޕީއެސްއެންއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ކުލަބު އެވްސެކަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިަފއެވެ. އަދި ހަތަރުވަނައިގައި އޮތް ޕެމާ އާއި، ފުލުގައި އޮތް ބަންޑާރަ ކުލަބަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކްލަސިކުގައި ކުޅިވަރާ ބެހޭ ވުޒާރާ އާއި ބީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި މުބާރާތުގެ ގްރޫޕް ޑީގައި މިއަދު ހަވީރު ކުޅުނު މެޗުން ކުޅިވަރާ ބެހޭ ވުޒާރާ މޮޅުވީ ކުލަބު ބީސީސީ އަތުން 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ކާމޔާބުކުރި އިބްރާހީމް ސިމާހު އަދި މުޙައްމަދު ސާހިލެވެ. މެޗުގައި ބީސީސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ އިސްމާޢީލް ލުބައިން މުޙައްމަދެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ފައިނޭންސުން ވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށް ނިސްބަތްވާ ދިވަރު ރެކްރިއޭޝަން ކުލަބު އަތުން ފަސޭހަކަމާއެކު 8-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ފައިނޭންސުގެ ހަސަން ނާއިފް މުޙައްމަދު ހަތަރު ލަނޑު ޖެހިއިރު، އެ ޓީމުގެ އަބްދުالله ޒުހާން ހަސަން މުޙައްމަދު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އަޙްމަދު މުއާދު ލަނޑެއް ޖެހިއިރު، އަނެއް ލަނޑަކީ ދިވަރުގެ ހަސަން އަލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ކްލަސިކުގައި ފައިނޭންސް އާއި ދިވަރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ނަތީޖާތަކާއެކު ގްރޫޕް ޑީގެ އެއްވަނައިގައި ކުޅިވަރާ ބެހޭ ވުޒާރާ އޮތީ ކުޅުނު ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ފައިނޭންސާއި، ތިންވަނައިގައި އޮތް ބީސީސީއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ދިވަރަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ސީގައި އެމްއެމްއޭ ސޯޝަލް ކުލަބާއި، ތަޢުލީމީ ގުޅުން މިއަދު ހަވީރު ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ތަޢުލީމީ ގުޅުމަށް ލީޑު ނަގައިދިނީ އުމަރު ފާރޫގެވެ. އެކަމަކު މެޗުގެ ފަހު ވަގުތު އަޙްމަދު ފާރިޝް ވަނީ އެމްއެމްއޭއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ކްލަސިކުގައި އެމްއެމްއޭ އާއި ތަޢުލީމީ ގުޅުން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ނަތީޖާއާއެކު ގްރޫޕް ސީގެ ދެވަނައިގައި އެމްއެމްއޭ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ކުލަބު ބިނާރާއަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ވިޒިޓް މޯލްޑިވްސް ކުލަބާއި، ހަތަރުވަނައިގައި އޮތް ޕީއެސްއެމްއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ކުލަބު އެސްއެމްއީ ޑިޖިޓަލަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ މާދަމާރެއެވެ.

  • ކުލަބު ޑީޖޭއޭ - ހެލްތު އާރްސީ (20:15)
  • ކުލަބު އެވްސެކް - ބަންޑާރަ ކުލަބު (20:15)
  • އެސްއެމްއީ ޑިޖިޓަލް - އެމްއީޑީޓީޓީ (21:30)
  • ޕީއެސްއެމް - ވިޒިޓް މޯލްޑިވްސް (21:30)
ކިޔުންތެރިންގެ ހިޔާލު