ENGLISH

30 ޖޫން 2026

Advertisement

ޕީސީބީގެ ބޯޑަށް އައްޔަނުކުރި ޒައިނާއަށް ރުހުން ހޯދަން މަޖިލީހަށް

30 ޖޫން 2026

|

އައިމިނަތު ޝަފާ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަނުކުރި ގއ. ދާންދޫ، އަމާޒް، ޒައިނާ އަބްދުﷲ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަނުކުރި ގއ. ދާންދޫ، އަމާޒް، ޒައިނާ އަބްދުﷲ، އަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަޖިލީހަށް ހުށަހެޅުއްވި ސިޓީގައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ޒައިނާގެ ނަން ހުށަހަޅުއްވާ ކަމަށެވެ.

އެހެންކަމުން އެ ނަމާ މެދު މަޖިލީހަށް ފެންނަ ގޮތަކަށް ފާސްކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފައިވެއެވެ.

މި މައްސަލަ ދިރާސާކުރުމަށްޓަކައި މިހާރު ވަނީ އެސްއޯއީ ކޮމިޓީއަށް ފޮނުވާފައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ޒައިނާ އައްޔަނުކުރީ މި މަހުގެ 23 ވަނަ ދުވަހުއެވެ. 

ޒައިނާ އަކީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި، ޚާއްޞަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ. އޭނާ މިހާރު އަދާކުރައްވަމުން ގެންދަވާ މަޤާމަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިން އެވެ. މި މަޤާމުގައި އޭނާ އިސްކޮށް ބަލަހައްޓަވަނީ ބޭންކުގެ ކޯޕަރޭޓް ފައިނޭންސިން އޮޕަރޭޝަންތަކާއި، ކްރެޑިޓް އިވެލުއޭޝަން، ފައިނޭންސިން ލިޔެކިޔުންތަކާއި ހުއްދަތައް ދިނުމުގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި މަޝްރޫޢުތަކަށް ދޫކުރެވޭ ފައިނޭންސިންއާ ގުޅޭ އެންމެހައި ކަންކަމެވެ.

އެމް.އައި.ބީ އާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ ސީނިއަރ އޮފިސަރެއްގެ މަޤާމު ފުރުއްވާފައެވެ. އެ މުއްދަތުގައި އޭނާ ވަނީ ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓަރކޮށް އިވެލުއޭޓް ކުރުމާއި، މާލީ ބަޔާންތަކާއި ބަޖެޓުތަކުގެ އިތުރުން ބިޒްނަސް ޕްލޭންތައް ދިރާސާކުރުމާއި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މި ތަޖުރިބާގެ ސަބަބުން ކޯޕަރޭޓް ގަވަރނަންސް އާއި ދައުލަތުގެ އިދާރީ އިޞްލާޙީ ބަދަލުތަކުގެ ދާއިރާއިން އޭނާއަށް ވަނީ ފުޅާ ދާއިރާއެއްގައި މަޢުލޫމާތާއި ތަޖުރިބާ ލިބިވަޑައިގެންފައެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، ޒައިނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (INCEIF) އިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފައެވެ. އަދި އިންޑިއާގެ ޔުނިވަރސިޓީ އޮފް ޕޫނޭ އިން ބެޗްލަރ އޮފް ކޮމާސް ހާސިލުކުރައްވާފައިވެއެވެ. އޭނާގެ ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިންގ، ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވަނަންސް، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް، އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު