ENGLISH
30 ޖޫން 2026
ޖުލައި ހަވަނަ ދުވަހު ތިލަފުށީގައި އަޅާ މާލޭ ވިޔަފާރި ބަނދަރުގެ ބިންގާ އަޅާނެ: ސައީދު
30 ޖޫން 2026
|
އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް އަލަށް ގާއިމުކުރާ ތިލަފުށީ ވިޔަފާރި ބަނދަރުގެ ބިންގާ އަންނަ ޖުލައި މަހުގެ ހަވަނަ ދުވަހު އަޅައި އަމަލީ މަސައްކަތް ފަށާނެކަމަށް ވިޔަފާރީގެ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަޢީދު ވިދާޅުވީ އައްޑޫ އަދި ކުޅުދުއްފުށީގައި ވިޔަފާރި ބަނދަރުތަކެއް ގާއިމުކޮށްފައި އޮންނަތާ އަހަރުތަކެއްވީ ނަމަވެސް އެކަށީގެންވާ ގޮތެއްގައި އެތަންތަނުގައި ވިޔަފާރީގެ ހަރަކާތްތަކަށް ފުރުސަތުތައް ހުޅުވައިލެވިފައި ނެތުމުގެ ސަބަބުން އެތަންތަނުގައި ހިނގާ ވިޔަފާރީގެ ހަރަކާތްތައް ވަރަށް މަދު ކަމަށެވެ.
މާލޭގެ ވިޔަފާރި ބަނދަރަކީ މީގެ 40 އަހަރު ކުރިން އޮތް ޑިމާންޑަށް ރިއާޔަތްކުރެވިގެން އެއިރަށް ބޭނުންވާ ވަސީލަތްތަކާއެކު ގާއިމުކުރެވިފައިވާ ބަނދަރެއްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެ ބަނދަރު ތަރައްގީކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށެވެ. ނަމަވެސް މި ސަރުކާރުނން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް އަލުން ތަރއްގީކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ފާހަގަކުރެއްވީ ރާއްޖޭގެ މައި ވައިގެ ބަނދަރުގެ މަސައްކަތް ކުރެވި ރަނގަޅު ފެންވަރަށް ތަރައްގީކުރެވުނުއިރު، އެއާ އެކަށީގެންވާ ގޮތެއްގައި ކަނޑުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އޮތީ ނުކުރެވި ކަމެވެ. އަދި އެ ދެ މަސައްކަތަކީ އެކުއެކީގައި ކުރެވެންޖެހޭ ދެ މަސައްކަތްކަން ދުނިޔޭގެ ގިނަ ގައުމުތަކުގެ ތަޖުރިބާއިން ފެނިފައި އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެ މަސައްކަތް ނުކުރެވި އޮތީ ކީއްވެތޯ؟ ސަރުކާރަކުން އެ މަސައްކަތްކުރަން ނިންމީމަ ކުރެވޭނީ. އެހެންވެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ އެ މަސައްކަތް ކުރައްވަން. އެހެންވެ 6 އެއް ޖުލައިގައި އެތަނުގެ ބިންގާ އެޅި، 2027 ނޮވެންބަރަށް މާލޭ ކޮމާޝަލް ޕޯޓަލް ތިލަފުއްޓަށް ބަދަލުކުރެވުމުގެ މަސައްކަތް ނިމިގެންދާނެ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ތިލަފުށީގައި އަޅާ ބަނދަރު ނިމުމާ ހަމައަށްވެސް މާލޭގެ ވިޔަފާރި ބަނދަރަށް އޮތް ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ތަފާތު ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން މަރުހަލާތަކަކަށް ބެހިގެން މާލޭ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ބަނދަރުގައި ކޮމާޝަލް ފެންވަރުގައި ވިޔަފާރިކުރިއަށްނުދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ޕޯޓަށް ބިން އިތުރުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި ބަނދަރު އިތުރަށް ފުންކޮށް ބޮޑުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށާއި، ބަނދަރުގައި ޑިއުޓީ ފްރީކޮށް މުދާ ބެހެއްޓޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އޭގެ އިތުރަށް އައްޑޫ ބަނދަރަށްވެސް އެއް ހެކްޓަރުގެ ބިން އިތުރުކޮށް ޑިއުޓީ ފްރީކޮށް މުދާ ބެހެއްޓުމާއި ކުދިކުދި ސިނާއީ މަސައްކަތްތައް އެތަނުގައި ކުރެވޭނެ އިންތިޒާމު ހަމަޖެއްސެމުގެ މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.