ENGLISH

30 ޖޫން 2026

Advertisement

މޭ މަހު ޒަކާތުގެ ގޮތުގައި 7.59 މިލިއަން ރުފިޔާ ބަލައިގަނެ، 2.7 މިލިއަން ރުފިޔާ ބަހައިފި

30 ޖޫން 2026

|

އައިމިނަތު ޝަފާ

މި އަހަރުގެ މޭ މަހު ޒަކާތު ފަންޑަށް 7.59 މިލިއަން ރުފިޔާ ބަލައިގަނެ، އެ ފަންޑުން 2.7 މިލިއަން ރުފިޔާ ބަހައިފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މޭ މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވަނީ ޖުމުލަ 7,587,956.14 (ހަތް މިލިއަން ފަސް ލައްކަ އައްޑިހަ ހަތް ހާސް ނުވަ ސަތޭކަ ފަންސާސް ހަ ރުފިޔާ ސާދަ ލާރި) އެވެ. އަދި މި އަހަރުގެ މޭ މަހުގެ ތެރޭގައި ޒަކާތު ފަންޑުން އެހީތަކަށާއި މަޝްރޫއުތަކަށް ދޫކޮށްފައިވަނީ ޖުމުލަ 2,685,834.30 (ދެ މިލިއަން ހަ ލައްކަ އައްޑިހަ ފަސް ހާސް އަށް ސަތޭކަ ތިރީސް ހަތަރު ރުފިޔާ ތިރީސް ލާރި) އެވެ. 

މޯލްޑިވްސް ޒަކާތު ހައުސްގެ ހިސާބުތައް

ޒަކާތް ބަލައިގަތް މިންވަރަށް ބޮޑު ކުރިއެރުމެއް:

މި އަހަރުގެ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި 7.59 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ޒަކާތު ހައުސްއަށް ލިބިފައިވަނީ 4.33 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 75.3 އިންސައްތައިގެ އިތުރުވުމެކެވެ.

ޒަކާތް ދެއްކި މިންވަރު އިތުރުވުމަކީ ޒަކާތުގެ މުހިންމުކަމާއި، ރަސްމީ ނިޒާމުގެ ތެރެއިން ޒަކާތް ދެއްކުމަށް އާންމުން ހޭލުންތެރިވަމުންދާކަން ހާމަކޮށްދޭ ކަމެއްކަމަށް އެ އިދާރާއިން ބުންޏެވެ.

ފަގީރުންނާއި މިސްކީނުންނަށް ދިން އެހީ:

މޭ މަހު އެންމެ ބޮޑު އަދަދެއް ޒަކާތު ހައުސްއިން ދޫކުރީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެއީ 1,483,960.50 (އެއް މިލިއަން ހަތަރު ލައްކަ އައްޑިހަ ތިން ހާސް ނުވަ ސަތޭކަ ފަސްދޮޅަށް ރުފިޔާ ފަންސާސް ލާރި) އެވެ. 

މީގެ ތެރޭގައި ހިމެނެނީ:

  • ބޭސްފަރުވާގެ އެހީއަށް ބޭނުންވި ފަރާތްތަކަށް ދޫކުރި 1,452,960.50 ރުފިޔާ.
  • ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ފަރާތްތަކަށް ދޫކުރި 31,000.00 ރުފިޔާ.

މި މަހު ޒަކާތު ފަންޑުން ދޫކުރި ޖުމުލަ ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ހިސާބުތައް

ފީސަބީލިﷲ މަޝްރޫއުތަކަށް ދިން އެހީ:

ހިސާބުތަކަށް ބަލާއިރު ތައުލީމީ، ދީނީ އަދި އިލްމީ މަސައްކަތްތަކަށް ފީސަބީލިﷲ ބައިން ޖުމުލަ 1,037,236.42 (އެއް މިލިއަން ތިރީސް ހަތް ހާސް ދުއި ސައްތަ ތިރީސް ހަ ރުފިޔާ ސާޅީސް ދެ ލާރި) ހޭދަކޮށްފައިވެއެވެ.

މީގެ ތެރޭގައި ހިމެނެނީ:

  • ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށާއި ގުރުއާނުގެ އިލްމު ފެތުރުމަށް 753,239.02 ރުފިޔާ.
  • އިސްލާމީ ފޮތްތަކާއި ތައުލީމީ ތަކެތި ތަރުޖަމާކުރުމަށް 246,989.40 ރުފިޔާ.
  • މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް އެހީތެރިވުމަށް 37,008.00 ރުފިޔާ.

މި މަސައްކަތްތަކަކީ އިސްލާމީ އިލްމު ކުރިއެރުވުމަށާއި، ތައުލީމަށް އެހީތެރިވުމުގެ އިތުރުން ދީނީ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކެއްކަން އެ އިދާރާއިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު