ENGLISH

29 ޖޫން 2026

Advertisement

މަޖީދިއްޔާ އަށް 100 އަހަރު ފުރުމުގެ ހަރަކާތްތައް އަންނަ އަހަރު ނިމެންދެން ކުރިއަށް

29 ޖޫން 2026

|

އާމިނަތު ނުޒްލާ

މަޖީދިއްޔާ ސްކޫލްގެ ދަރިވަރުން-- ފޮޓޯ: މިޖީދިއްޔާ ސްކޫލް

މަޖީދިއްޔާ ސްކޫލަށް ސަތޭކަ އަހަރު ފުރުން ފާހަގަކުރަން ހިންގާ ހަރަކާތްތައް އަންނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. އެގޮތުން މިހަރަކާތްތައް ވިލަރެސް ކުރާނެ ސްޓިއަރިންގ ކޮމިޓީއެއް ވެސް އެކުލަވާލާފައިވެއެވެ. މި ކޮމިޓީގެ ޗެއަރ، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވީ، މަޖީދިއްޔާގެ ސަތޭކަ ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތްތައް އަހަރީ ދުވަހުގެ ފަހަށް ވެސް ރާވާފައިވާ ކަމަށާއި އަދި އަންނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ހަރަކާތްތައް ކުރިއަށް ގެންދަން ސްޓިއަރިންގ ކޮމިޓީގެ ދަށުން މަސައްކަތް ކުރާނެ ސަބް ކޮމިޓީތަކެއް އެކުލަވާލާފައިވާ ކަމަށާއި އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް ރާވާ ހިންގަނީ އެކްޓިވިޓީ ކޮމިޓީން ކަމަށެވެ.

މާލޭގެ އެކި ސަރަހައްދުތައް ޒީނަތްތެރިކޮށް، ޚާއްޞަކޮށް ވަކި ހިސާބުތަކުގައި ގިޑިގެތައް ބެހެއްޓުމުގެ ކަންތައްތައް އަންނަ އަހަރު ކުރިއަށް ދާނެ ކަމަށާއި މިހާރު ސަމާލުކަން ދެނީ  300 ދުވަހާއި 200 ދުވަހާ ދެމެދު ކުރިއަށް ގެންދާނެ ހަރަކާތްތައް ރާވާ ހިންގަން ކަމަށްވެސް ކޮމިޓީގެ ޗެއަރ ވިދާޅުވިއެވެ.

"އަންނަ އަހަރަކީ މަޖީދިއްޔާއަށާއި އެ ސްކޫލުން ކިޔެވި ހުރިހާ ފަރާތްތަކަށް ބޮޑު އަހަރަކަށް ވާނެ" ޑރ. އަޙްމަދު ވިދާޅުވިއެވެ.

ޑރ. އަޙުމަދު އިތުރަށް ފާހަގަ ކުރެއްވީ، ޕަބްލިކޭޝަންސް އެންޑް އާކައިވް ކޮމިޓީގެ ފަރާތުން، ސަތޭކަ އަހަރުގެ ތެރޭގައި މަޖީދިއްޔާ އާ ގުޅުން ހުރި ތަކެތި އާކައިވް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަވެ. އެގޮތުން އެކަން ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީއާއި މަޖީދިއްޔާ ސްކޫލާއި އެ ސްކޫލުގެ މުސްކުޅި ދަރިވަރުންނާ ގުޅިގެން ދަރިވަރުންގެ އަތުގައ ހުރި ފޮތޯފަދަ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލުންގެ ފޮޓޯ މައުރަޒެއް އަންނަ މަހުގެ 14 އަދި 15 ވަނަ ދުވަހު ބޭއްވުމުގެ މަސައްކަތް ވެސް މަޖީދިއްޔާ ސްކޫލުން އަންނަނީ ކުރަމުންނެވެ. މި މައުރަޒުގައި ޕްރިންސިޕަލުންގެ މަސައްކަތްތައް ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯތައް ފެންނަން ހުންނާނެ ކަމަށް މަޖީދިއްޔާ ސްކޫލުން ބުނެފައިވެއެވެ.

މަޖީދިއްޔާ ސްކޫލަށް ސަތޭކަ އަހަރު ފުރޭއިރު، އެ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމާ އެތަން ހުޅުވަނީ "ސައްތައިގެ" ހަނދާނީ ބިނާއެއްގެ ގޮތުގައެވެ. އަދި އެއީ ޒަމާނީ ވަޞީލަތްތަކާއެކު ޑިޖިޓަލް ކުލާސްރޫމްތައް ހިމަނައިގެން ކިޔަވައިދޭނެ ފުރިހަމަ ތަނަކަށް ވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

މަޖީދިއްޔާ ސްކޫލަށް ސަތޭކަ އަހަރު ފުރޭނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު