ENGLISH
29 ޖޫން 2026
ޕެސިފިކް ކަނޑުގައި "އެލްނީނޯ" އެއް އުފެދިއްޖެ: މެޓް
29 ޖޫން 2026
|
އެލްނީނޯގެ ސަބަބުން ގަސްގަހާ ގެހީހެ ދިރުމަށް އަސަރުކުރުން-- ފޮޓޯ: ސްކައިމެކްސް
އެންމެ މަޤްބޫލު
ޕެސިފިކް ކަނޑުގެ ސަރަހައްދުގައި "އެލްނީނޯ" އުފެދިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އިން ބުނީ، ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީސަރަހައްދުތަކުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ހުރީ އާންމު މިންގަނޑަށްވުރެ މަތީގައި ކަމަށެވެ. އަދި އާންމުގޮތެއްގައި އެލްނީނޯގެ އަސަރުތައް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާ ކަމަށާއި، ބައެއްފަހަރު އަހަރުތަކަކަށްވެސް އެލްނީނޯގެ އަސަރުތައް ދެމި ހުންނަ ކަމަށްވެސް މެޓް އިން ބުނެފައިވެއެވެ. އިތުރަށް މެޓް އިން ބުނީ، އެލްނީނޯއަކީ ވަކި ތަރުތީބަކުން އަންނަ އެއްޗެއް ނޫންކަމަށާއި، އެހެންނަމަވެސް އެއީ ކޮންމެ ދެ އަހަރު ނުވަތަ ހަތް އަހަރަކުން އެއްފަހަރު މޫސުމަށް އަންނަ ބަދަލެއް ކަމަށެވެ.
އެލްނީނޯގެ ސަބަބުން ދުނިޔޭގެ މޫސުމަށާއި، ދިރޭ ތަކެތީގެ ނިޒާމަށާއި، އަދި އިޤްތިޞާދަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. އެގޮތުން މެދު މިންވަރަކަށް އަދި ބާރުގަދަކޮށް "އެލްނީނޯ" ކުރިމަތިވާ އަހަރު ތަކުގައި ރާއްޖެއަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ބަދަލު އާދެއެވެ. ހަމައެއާއެކު ބައެއް މަސްމަހު އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ ގިނައިން ވާރޭވެހޭއިރު، އަނެއްބައި މަސްމަހުވާރޭވެހޭ މިންވަރު މަދުވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ، ކޮންމެ އެލްނީނޯ އަހަރެއްގައިވެސް މޫސުމަށް ކުރާ އަސަރުތައް އެއްގޮތް ނުވެދާނެކަމަށެވެ. އެގޮތުން އެލްނީނޯގެ ބާރުމިނާއި އެކަން ދިމާވާ ދަނޑިވަޅުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރާއި، ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ މޫސުމަށް ނުވަތަ ވާރޭވެހޭ މިންވަރަށް ނުފޫޒު ނުވަތަ ބަދަލު އަންނަނީ ހަމައެކަނި "އެލްނީނޯ ސަދަން އޮސިލޭޝަން" (ENSO) އިން ނޫންކަމަށާއި، އެހެންނަމަވެސް "އިންޑިއަން އޯޝަން ޑައިޕޯލް (IOD) އަދި މެޑަން ޖޫލިއަން އޮސިލޭޝަން (MJO) ފަދަމޫސުމީ އެހެން ކަންތައްތަކުންވެސް ރާއްޖެއަށް ވެހޭ ވާރޭގެ މިންވަރަށް އަސަރުކުރާ ކަމަށް މެޓް އިން ބުންޏެވެ.
މެޓް އިން ބުނީ، އެ ހިދުމަތުން އަންނަނީ މޫސުމަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލައި މޮނިޓަރ ކުރަމުން ކަމަށެވެ.
ކޮންމެ އެލްނީނިއޯއެއް އެއްގޮތް ނުވި ނަމަވެސް، ސައިންސްވެރިން ވަނީ ބައެއް އާންމު ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެލްނީނިއޯގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން އާންމުކޮށް މަތިވެ އެވެ. މީގެ ސަބަބުން ހޫނު ފެންގަނޑު ފެތުރި، ޖައްވުގެ ތެރެއަށް ގިނަ އަދަދަކަށް ހޫނު ބޭރުވެ، ވައިގެ ތެރޭގައި ތެތްކަމާއި ހޫނުމިން އިތުރުވެގެންދެ އެވެ.
މި ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކަށް އާދަޔާ ހިލާފަށް ވާރޭވެހުމާއި، ހަނަފަސްކަން ކުރިމަތިވުން ފަދަ ކަންކަން މެދުވެރިވެ އެވެ.