ENGLISH
29 ޖޫން 2026
ވައުދާ ހިލާފަށް މުވައްޒަފުން ވަކިނުކުރަން، ކުންފުނިތަކުގެ ހަރަދުކުޑަކުރަން ފިޔަވަޅު އެޅުމަކީ ލާޒިމުކަމެއް: ރައީސް
29 ޖޫން 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ ރައީސް އޮފީސް.
އެންމެ މަޤްބޫލު
ސިޔާސީ މަގާމުތައް ފިޔަވައި ދެން ހުރި ވަޒީފާތަކުގައި ސަރުކާރާއި އެސްއޯއީތަކުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅާ ހިލާފުވެވަޑައިނުގަންނަވާކަމަށާއި އެ ވައުދުފުޅު ފުއްދަވައި ސަރުކާރު ބަދަލުވެގެން އައިިއިރުގައި ކުންފުނިތަކުގައި ތިބި މުވައްޒަފުން އެ އަދަދަށް ތިބިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިޔާސީ މަގާމުތައް ފިޔަވައި ދެން ހުރި ވަޒީފާތަކުގައި ސަރުކާރާއި އެސްއޯއީތަކުގައި ތިބި މުވައްޒަފުންގެ ވަޒީފާ ހިމާޔަތްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
"... ދެން އެއްވެސް މީހަކު ވަޒީފާއިން ވައްކެއް ނުކުރާނަން. އެކަމަކު މި ދެންނެވީ ސިޔާސީ ވަޒީފާއެއް ނޫން. ކުންފުނިތަކާ އެކި ގޮތްގޮތުން އާންމު ރައްޔިތުންލާފައި ހުރި ވަޒީފާތައް. ސިޔާސީ މަގާމުތައް ފިޔަވައި ދެން ހުރި ވަޒީފާތަކަކީ އަޅުގަނޑު ހަމަ ތަކުރާރުކޮށް ހުރިހާ ރަށެއްގައި މި ދަންނަވަނީ ޔަގީންކަމާއެކީގައި އެ ބޭފުޅުން އެރަށެއްގައި ތިބި ވަޒީފާގައި ތިބެވޭނެ،" 2023 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ހަތަރުވަނަ ދުވަހު ލ. ކުނަހަންދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ސައިޒު ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު އެ މަސައްކަތް މިހާރު އޮތީ ފިޔަވަޅުއެޅުމުގެ މަރުހަލާގައެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެމަނިކުފާނު ބައިވެރިވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ މި ވައުދުފުޅު ފުއްދަވާފައިވާނެކަމަށާއި ސަރުކާރު ފެށުނުއިރު ސަރުކާރާއި ކުންފުނިތަކުގައި ތިބި ސިޔާސީ މުވައްޒަފުން ފިޔަވައި ދެން ތިބި މުވައްޒަފުން ބައިތިއްބާފައިވާކަމަށެވެ.
ސަރުކާރުގެ ސައިޒު ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ސަރުކާރުން ފެށި ސަބަބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ކުރިންވެސް ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފެށިކަމަށާއި އަދި ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަަށުން ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 އިންސައްތަ ކުޑަވެސް ކޮށްފައިވާކަމަށެވެ.
އެފަހުން ހަނގުރާމައާ ކުރިމަތިލާންޖެހުނު އިރު ހަރަދުތައް ކުޑަކޮށް ކުންފުނިތައް ރައިޓްސައިޒް ކުރުމަކީ ކުރުން މަޖުބޫރުކަމެއްކަމަށް ފެނިވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ.
" އެކަން ( ސަރުކާރުގެ ހަރަދު ކުޑަކޮށް ކުންފުނިތައް ރައިޓްސައިޒް) ކުރުމަކީ ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރަން ކުރިއަށް އެޅުނު ޕޮސިޓިވް ފިޔަވަޅެއް، އެކަން ކުރުމުގައި ކުންފުނިތަކުން އެދަނީ ކުންފުނިތަކުގެ އެޗްއާރް އޮޑިޓް ހަދައި އެކުންފުނިތަކަށް ބޭނުންވާ އަދަދަށް މުވައްޒަފުން މަދުކުރުމަށްޓަކައި އެކި ކަހަލަ ކަންކަން ކުރަމުން، އަޅުގަނޑުވީ ވައުދަކާ ހިލާފެއް ނުވަން، ވައުދުވީގޮތަށް ސަރުކާރު ބަދަލުވެގެން އައިިއިރުގައި ކުންފުނިތަކުގައި ތިބި އަދަދަށް (މުވައްޒަފުން) ތިބޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޕީސީބީން ކުންފުނިތަކުން އަމަލުކުރުމަށް އެކުލަވާލާފައިވާ ހަމަތަކަކާއި އުސޫލުތަކެއް ހުންނާނެކަމަށާއި މުވައްޒަފެއްގެ ޕްރޮބޭޝަން މުއްދަތުގައި ކުންފުނީގެ މަސައްކަތްތަކުގައި ބައިވެރިނުވެ، މަސައްކަތަށް ފަރުވާކުޑަކޮށް ގަޑިޖެހޭނަމަ ކުރިންވެސް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިހުރެދާނެކަމަށެވެ.
އެފިޔަވަޅުތައް ކުންފުނިތަކުން އެޅުމަކީ އެމަނިކުފާނު ވައުދުފުޅު ނުފުއްދެވުން ނޫންކަމަށް ވިދާޅުވިއެވެ. އަދި ސިޔާސީ ގޮތުން ވަކި މީހަކަށް އަމާޒުކޮށްގެން ވަކި ކަމެއް ކުރަން އެމަނިކުފާނު ނާންގަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އެޓް އެނީ ކޯސްޓް ކޮންމެ ގޮތެއްވިޔަސް މުވައްޒަފުން ބޭތިއްބުމެއް ނޫން އޭގެ މާނައަކީ، ވައުދާ ހިލާފެއް ނުވަން، އަޅުގަނޑު މިދެންނެވީ ވައުދާ ހިލާފުނުވެ ކުރިއަށްދިޔައީމޭ ދެން އެކަމަކު ބައެއް ކުންފުނިތަކުގައި ހަރަދު ކުޑަކުރުމަށްޓަކައި، ނުވަތަ މިސާލަކަށް އަޅުގަނޑު ވައުދުވެފައި އޮތީ މުވައްޒަފުން ނުކަނޑާނަމޭ އޭގެ މާނައަކީ އެ މުވައްޒަފުން ކޮންމެފަދަ ގޮތަކަށްވެސް އުޅެންވީ ހެއްޔޭ؟، ހަމަ ކުންފުންޏަށް ބޮޑު ގެއްލުމެއްވެސް ދޭންވީހޭ؟، މިސާލަކަށް ކުންފުނިން ވައްކަން ކުރީ ނޫނީ ކުންފުނީގެ ހަރުމުދަލަށް ގެއްލުންދިނީ ދެންވެސް ވީ އަޅުގަނޑު ވައުދުވެފައި އޮތީމަ އެ މުވައްޒަފަކު ކަނޑާނުލާ ބަހައްޓަންހެއްޔޭ؟، ހަމަ ބުއްދި ގަބޫލުކުރާ އެއްވެސް މީހަކު އެކަން ގަބޫލެއް ނުކުރާނެ،". ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ސައިޒު ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތްތައް ނިމި މިހާރު އޮތީ ފިޔަވަޅު އެޅުމުގެ މަރުހަލާގައެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށް ސަރުކާރުގެ ހިންގުން ހަރުދަނާ ކުރައްވާނެކަމުގެ ޔަގީންކަން ރައީސް އަންނަނީ ތަކުރާރުކޮށް ދެއްވަމުންނެވެ.