ENGLISH

29 ޖޫން 2026

Advertisement

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދަނީ ހަލުއިކޮށް ކުރިއަށް؛ އަތޮޅު ތެރެއާއި ރަށްރަށުގެ މަޝްރޫއުތައްވެސް ދައުރު ތެރޭ ނިމޭނެ

29 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ވަރަށް ހަލުއިކޮށް ކުރިއަށްދާކަން ފާހަގަކުރައްވަމުން އެ މަޝްރޫއުތައް ދައުރުގެ ތެރޭގައި ނިންމައިލެވޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ހައުސިން މަޝްރޫއުތަކުގެ އަދާހަމަ އޮޅުންފިލުވުމަށް ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންފައިވާ ގެދޮރުވެރިކަމުގެ ވައުދުފުޅު ފުއްދޭނެ ކަމަށެވެ. 

އެގޮތުން ބީއެމްއެލްގެ ފައިނޭންސްގެ ދަށުން 13 ރަށެއްގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ފުރިހަމަކުރެވި އަމަލީ މަސައްކަތް ފެށުމާ ހަމައަށް ގޮސްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު އެ މަޝްރޫއުތަކުގެ އެޑްވާންސް ޕޭމެންޓުވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. 

އަދި ބީއެމްއެލްގެ ހައުސިން ފައިނޭންސްގެ ދަށުން ވިލިމާލެއާއި ހުޅުމާލޭގައި ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބީއެމްއެލްގެ ހައުސިން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފެށޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

އެ މަޝްރޫއުތަކުގެ އިތުރަށް ސަރުކާރު ބަދަލުވިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށުމަށްފަހު ކުރިއަށްނުގޮސް މެދުކެނޑިފައި ހުރި މަޝްރޫއުތައް މިހާރު ސަރުކާރުން އަލުން ފަށާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އިތުރު މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ފައިނޭންސިން މޮޑެލްތައް ތައާރަފުކޮށްފައިވާ ކަމަށެވެ. 

އަދި އެކި ގައުމުތަކާ އޮންނަ ގުޅުންތަކުގެ ތެރެއިން އިތުރު ހައުސިން މަޝްރޫއުތައް ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި އަހަރު ތެރޭގައި ގިނަ އަދަދެއްގެ ފުލެޓުގެ މަސައްކަތް އަލަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި ސަރުކާރުން މީގެ ކުރިން ނުވެ އޮތްކަމެއް ކުރަން. އެއީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ސަރުކާރުގެ ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއެއް ނިންމައި އެ ޔުނިޓުތަކަށް މީހުން ވެއްދިފައެއް ނެތް އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި. މި ސަރުކާރުން މަސައްކަތްކުރަނީ އެކަން ބަދަލުކުރެވޭތޯ. އިރާދަކުރެއްވިއްޔާ 2028 ގެ މެދަކާ ހަމައަށްދާއިރު މީގެ ތެރެއިން ވަރަށް ބޮޑު އިންސައްތައެއް ނިންމޭނެ. ބައެއް ރަށްރަށުގައި އޭގެ ކުރިންވެސް ނިމޭނެ،" ރައީސް ވިދާޅުވިއެވެ. 

އަތޮޅު ތެރޭގައި ސަރުކާރުން ހިންގާނެ އެންމެ ބޮޑު ހައުސިން މަޝްރޫއުކަމަށްވާ ކުޅުދުއްފުށީގައި އަޅާ 2،400 ހައުސިން ޔުނިޓުގެ މަސައްކަތްވެސް މި ދައުރުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

އޭގެ އިތުރަށް ގޯތިދިނުމަށް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމުގެ މަސައްކަތްވެސް އެމަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް ކުރިއަށްގެންދަވައި ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު