ENGLISH

29 ޖޫން 2026

Advertisement

ސިއްހީ ދާއިރާގެ އުމްރާނީ މަޝްރޫއުތައް ނިންމާނެ ގޮތުގެ ތާވަލުވަނީ އެކުލަވައިލެވިފައި: ރައީސް

29 ޖޫން 2026

|

ޝިފްޒާން އަޙްމަދު

މ.މުލަކުގެ ސިއްހީ މަރުކަޒުގެ މަސައްކަތުގެ ތެރެއިން

ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މުހިއްމު މަޝްރޫއުތައް ނިންމުމަށްޓަކައި ހާއްސަ ތާވަލެއް އެކުލަވައިލެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ ރ.އަލިފުށީ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު މިއަދު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާއަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާ ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މި އަހަރުގެ ބަޖެޓުގައިވެސް އެންމެ ބޮޑު އިސްކަމެއްދީފައި އޮތީ އަދި އެންމެ ގިނަ ފައިސާ ހަމަޖައްސާފައިވަނީ ސިއްހީ ދާއިރާގެ މަޝްރޫއުތަކާއި ޕްރޮގުރާމުތަކަށެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ ރ.އަލިފުށީގައި ކުރިއަށްގެންދިއުމަށް ވައުދުވެވަޑައިގެންފައިވާ ހުރިހާ މަޝްރޫއެއްވެސް ސަރުކާރުން ކުރިއަށްގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުތަކުގެ ތެރޭގައި އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓުގެ މަސައްކަތްވެސް ހިމެނެއެވެ. 

މަޝްރޫއުތައް މަޑުނުޖެހި ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވާ ދުވެލީގައި ބައެއް މަޝްރޫއުތައް ކުރިއަށްނުދާކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މަޝްރޫއުތައް ލަސްވުމަށް މެދުވެރިވެފައި ހުރި ސަބަބުތައް ހައްލުކުރައްވައި، ވީހާވެސް އަވަހަށް މަޝްރޫއުތައް ކުރިއަށްގެންދެވޭނެ މަގެއް ފަހިކުރެއްވުމަށް މަސައްކަތްކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. 

އަލިފުށީ ހޮސްޕިޓަލާއި އެއާޕޯޓުގެ މަޝްރޫއަކީ އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ކުންފުންޏާ ހަވާލުކޮށްފައި ހުރި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ މެޓީރިއަލް ގަތުމަށް ފައިސާ ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. އެހެންކަމުން ލަސްތަކެއްނުވެ އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަލުން ހަލުއިކަމާއެކު ކުރިއަށްދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

"މިހާރު އަޅުގަނޑުމެންވާނީ ހޮސްޕިޓަލުތައް އަދި ހެލްތު ސެންޓަރުތައް، މިހާރު އެކި މަރުހަލާގައި ހުރި ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތައް ނިންމުމަށްޓަކައި ތާވަލެއް ހަދާފައި. އެ ޕްރޮޖެކްޓެއްގެ ސައިޒެއްގެ ނިސްބަތުން. އޭގެ ތެރޭގައި މިއަންނަ އަހަރުގެ އެކި މުއްދަތުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައި ހުންނާނެ،" ރައީސް ވިދާޅުވިއެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާއިން ކުރިއަށްގެންދާ މަޝްރޫއުތައް ނިންމާނެ ގޮތުގެ ތާވަލެއް އެކުލަވައިލައްވާފައިވާ ކަމަށެވެ. އެ ތާވަލު އެކުލަވައިލައްވާފައިވަނީ މަޝްރޫއުތަކުގެ ކުދި ބޮޑުމިނަށް ބައްލަވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ މަޝްރޫއުތަކުގެ ތެރެއިން ބޮޑެތި މަޝްރޫއުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމަވައިލައްވަން އަމާޒުކުރައްވާފައިވާއިރު ދެން ހުރި މަޝްރޫއުތައް އެއަށްވުރެ އަވަހަށް ނިމިގެންދާނެ ކަމުގައި ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު