ENGLISH

30 ޖޫން 2026

Advertisement

ފަހު ވަގުތު ދެކުނު އެފްރިކާ ބަލިކޮށް، ކެނެޑާ ގަދަ 16 އަށް

29 ޖޫން 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ދެކުނު އެފްރިކާ ކޮޅަށް ލަނޑު ޖެހުމަށްފަހު ކެނެޑާގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ ޖާގަ ހޯދި ފުރަތަމަ ޓީމުގެ ޝަރަފު ކެނެޑާއިން ހޯދައިފިއެވެ. މުބާރާތް ބާއްވާ އެއް ޤައުމު ކަމަށްވާ ކެނެޑާ މި ޖާގަ ކަށަވަރުކުރީ، ދެވަނަ ބުރުގައި ކުޅުނު މެޗުގެ އިތުރު ވަގުތުގައި ސްޓެފަން އިސްޓަކިއޯ ކާމިޔާބުކޮށްދިން ފުރިހަމަ ލަނޑާއެކު، ދެކުނު އެފްރިކާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. 

މިއީ ވޯލްޑް ކަޕެއްގެ ނޮކްއައުޓް ބުރުގައި ކެނެޑާއިން ކުޅުނު ފުރަތަމަ މެޗެވެ. ކެނެޑާ ނޮކްއައުޓް ބުރަށް ދަތުރުކުރީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި މެޗު ކުޅުނީ ކެނެޑާގެ އަމިއްލަ ދަނޑުގައި ނޫން ނަމަވެސް، އެ ޤައުމުގެ އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ޓީމަށް ހިތްވަރު ދިނުމަށް އެމެރިކާގެ ކެލިފޯނިއާއަށް ދަތުރުކޮށްފައެވެ.

ލޮސް އެންޖެލިސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ހެޑް ކޯޗު ޖެސީ މާޝް ވަނީ ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު ފަހު މެޗުގެ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްފައެވެ. އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ޑިފެންޑަރު މޮއިސް ބޮމްބިޓޯ މި މުބާރާތުގައި ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ހިމެނުމެވެ. މީގެ އިތުރުން، ސްވިޒަލެންޑް މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ޓަނީ އޮލުވަސޭޔީ އާއި ލިއަމް މިލާ އަދި ސްޓެފަން އެސްޓާކިއޯވެސް މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނެވެެ. ކެޕްޓަން އަލްފޮންސޯ ޑޭވީސް މި މެޗުގައި ކުޅޭނެކަމުގެ ޔަގީންކަން ކޯޗު މާޝް ކުރިން ދީފައިވީ ނަމަވެސް، އޭނާ މެޗު ފެށީ ބެންޗުންނެވެ.

ވޯލްޑް ކަޕުގައި ދެކުނު އެފްރިކާ ކޮޅަށް ކެނެޑާގެ އިސްޓަކިއޯ ކާމިޔާބުކުރި ލަނޑު --- ފޮޓޯ: އޭޕީ

މި މެޗުގައި ދެކުނު އެފްރިކާގެ ފަރާތުން ފެނުނު ވަރުގަދަ ޑިފެންސިވް ކުޅުމުގެ ސަބަބުން، މި މެޗުގައި އިތުރު ވަގުތުގެ ދެ ހާފު ކުޅެ، ޕެނަލްޓީއަށް ދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް 90 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރެއިން ދެވަނަ މިނެޓުގައި އެސްޓަކިއޯ ވަނީ އޭރިއާ ބޭރުން ބޯޅަ މެއިން ކޮންޓްރޯލް ކުރުމަށްފަހު، ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލާފައެވެ.

މެޗުން މޮޅުވި ލަނޑު ޖެހުމުގެ ކުރިން ކެނެޑާއިން އުފެއްދި ނުރައްކާތެރި ހަމަލާތައް ދެކުނު އެފްރިކާއިން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އެގޮތުން މޮއިސޭ ބޮމްބިޓޯ ބޮލުން ފޮނުވާލި ހަމަލާއެއް އޯބްރޭ މޮޑިބާ ގޯލުގެ ރޮނގުމަތިން ސަލާމަތްކުރިއިރު، ހުސްކޮށް އޮތް ގޯލަކަށް ޖޮނަތަން ޑޭވިޑް ބޮލުން ފޮނުވާލަން އުޅުނު ބޯޅައެއް އެމްބެކެޒެލީ އެމްބޮކާޒީ ވަނީ ހުށިޔާރުކަމާއެކު ހުއްޓުވާފައެވެ.

ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، އޭރިއާ ތެރެއިން ކެނެޑާގެ ރިޗީ ލަރޭއާއަށް ދެކުނު އެފްރިކާގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ޕެނަލްޓީއެއް ހޯދުމަށް ކެނެޑާއިން ވަރަށް ބޮޑަށް އެދުނެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ކެނެޑާގެ ކޯޗު މާޝް ރެފުރީންނާ ދިމާލަށް ދިޔުމުން، އޭނާ އެތަނުން ދުރުކުރީ ކެނެޑާގެ ކުޅުންތެރިންނެވެ.

ވޯލްޑް ކަޕުގައި ދެކުނު އެފްރިކާ ކޮޅަށް ލަނޑު ޖެހުމަށްފަހު ކެނެޑާގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

މި މެޗުގެ ނަތީޖާއަށް ބަދަލެއް ނައިސް އޮތުމުން، 75 ވަނަ މިނެޓުގައި ކެޕްޓަން ޑޭވީސް ކުޅެން އެރިއެވެ. އޭނާ ކުޅެން އެރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޕްރޮމިސް ޑޭވިޑަށް ލަނޑު ޖަހާނެ ފުރުސަތެއް ތަނަވަސްކޮށްދިނެވެ. ނަމަވެސް އޭނާ ދުރުން ފޮނުވާލި އެ ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފަހު ވަގުތު ލިބުނު މޮޅާއެކު ކޯޗު މާޝް އާއި މުޅި ޓީމު ފެނުނީ ވަރަށް ބޮޑަށް އުފާފާޅުކުރި ތަނެވެ. މިއީ މެޗުގެ މެދުތެރެއިން އޭނާގެ ފަރާތުން ފެނުނު ރުޅިވެރިކަމާ މުޅިން ތަފާތު މަންޒަރެކެވެ. ކެނެޑާއަށް ދެން އޮތް ކުރިމަތިލުމަކީ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު ހިއުސްޓަންގައި، މޮރޮކޯ ނުވަތަ ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭ ގަދަ 16 ގެ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު