ENGLISH

27 ޖޫން 2026

Advertisement

ބެލްޖިއަމް މޮޅުވެ ގްރޫޕުގެ އެއްވަނަ އަށް، ދެވަނަ މިސްރަށް

27 ޖޫން 2026

|

މުޙައްމަދު އަދުހަމް

ނިއުޒީލެންޑް ކޮޅަށް ލަނޑުޖެހުމަށްފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖީ ގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ނިއުޒީލެންޑް އަތުން 5-1 ގެ ނަތީޖާއަކުން މޮޅުވެ، ބެލްޖިއަމް އެ ގްރޫޕުގެ އެއްވަނަ ހޯދިއިރު، އީރާނާ އެއްވަރުވުމުން މިސްރުން ދެވަނަ ޓީމުގެ ގޮތުގައި ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދައިފިއެވެ. 

މި ނަތީޖާއާއެކު، މި ގްރޫޕުގެ އެއްވަނަ މަގާމަށް ބެލްޖިއަމް ޖެހިލީ ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް މިސްރަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ބެލްޖިއަމް އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ.

ތިންވަނައިގައި އުޅޭ އީރާނަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ދެވަނަ ބުރުން ފުރުސަތު ލިބެން އޮތީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭއިރު ތިންވަނަ އަށް ދާ ޓީމުތަކުގެ ރޭންކިން އަށް ބަލައިގެންނެވެ. މިވަގުތު އެ ޓީމު އުޅެނީ ގަދަ އަށް ޓީމުގެ ތެރެއިން ހަވަނައިގައެވެ. މި ގްރޫޕުގެ ފުލުގައި އޮތް ނިއުޒީލެންޑަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ކެނަޑާގެ ބީސީ ޕްލޭސް ވެންކޫވާ ގައި ކުޅުނު މެޗު ފެށިގެން ބެލްޖިއަމުން ޑޮމިނޭޓްކޮށްފައިވާއިރު، އެ ޓީމުން ވަނީ 28 ވަނަ މިނެޓުގައި ލީޑުނަގައިފައެވެ. މިއީ ބެލްޖިއަމަށް ލިބުނު ކޯނަރެއްގެ އެހީގައި އޭރިޔާ ތެރެއިން ލެއަންޑްރޯ ޓްރޮސާޑަށް ލިބުމުން ކުޑައޭރިއާ ތެރެއިން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ބެލްޖިއަމުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، މި ހާފު ފެށިތާ ފަސް ވަރަކަށް މިނެޓުގެ ތެރޭގައި ނަތީޖާ 2-0 އަށް ބަދަލުކޮށްލައިދިނީ ވެސް ޓްރޮސާޑް އެވެ. 

ނިއުޒީލެންޑާ ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ފީފާ.ކޮމް

މެޗުގައި ބެލްޖިއަމުން ޖެހި ތިންވަނަ ލަނޑު، 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ގައުމުގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރު ކަމަށްވާ، ކެވިން ޑި ބްރޭނާ އެވެ. މި ގޯލާއެކު އޭނާ ވަނީ ވޯލްޑް ކަޕުގެ ތާރީހުގައި ބެލްޖިއަމަށް ލަނޑެއްޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މި މެޗުގައި ލަނޑުޖެހިއިރު ޑި ބްރޭނާގެ އުމުރަކީ 34 އަހަރާއި 363 ދުވަހެވެ. 

އޭގެފަހުން، މެޗުގެ 84 ވަނަ މިނެޓުގައި ނިއުޒީލެންޑްގެ ހަމައެކަނި ލަނޑުޖަހައިދިނީ އެލައިޖާ ޖުސްޓް އެވެ. މި ލަނޑުޖެހިތާ ދެ މިނެޓުގެތެރޭގައި، ރޮމެލޫ ލުކާކޫ ވަނީ އިތުރު ލަނޑެއްޖަހައި، ފައިދާ ގޯލްގެ ތަފާތުން ބެލްޖިއަމަށް ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުކޮށްދީފައެވެ. 

މެޗު ނިމުމުގެކުރީން، އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި ބެލްޖިއަމްގެ ފަސްވަނަ ލަނޑުޖަހައިދިނީ އަލެކްސިސް ސައެލެމޭކާސް އެވެ.

އެމެރިކާގެ ސިއޭޓަލް ސްޓޭޑިއަމްގައި ކުޅުނު މި ގްރޫޕުގެ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި އީރާނާ މިސްރު 1-1 އިން އެއްވަރުވިއިރު، މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފުރަތަމަ ފަނަރަ މިނެޓުގެ ތެރޭގައެވެ. 

އީރާނާ މިސްރު ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ

އެގޮތުން، މެޗު ފެށިތާ ފަސްވަނަ މިނެޓުގައި މިސްރަށް ލީޑު ނަގައިދިނީ މަހްމޫދު ސާބިރް އެވެ. މިއީ އެ ޓީމުގެ މުޙައްމަދު ސަލާހު ފޮނުވާލި ބޯޅައެއް އީރާންގެ ކީޕަރު، އަލީރެޒާ ބެއިރެންވާންދް މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ސާބިރް އަށް ލިބުމުން އޭނާ ގޯލުގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ހަތަރު މިނެޓުފަހުން، އީރާނަށް އެއްވަރުކޮށްދޭން ރަނުގެ ފުރުސަތެއްލިބި ވަނީ ބޭކާރުވެފައެވެ. މިސްރުގެ ކުޅުންތެރިއަކު އީރާންގެ ފޯވާޑް، މަހްދީ ތަރޭމީ އަށް ޕެނަލްޓީއޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އޭނާ ފޮނުވާލުމުން މިސްރުގެ ކީޕަރު، މޮސްތަފާ ޝޮބީރް މަތަކުރިއެވެ.

އީރާނުން އެއްވަރުކުރި ލަނޑު، 14 ވަނަ މިނެޓުގައި ރާމިން ރެޒާއީން ކާމިޔާބުކޮށްދިންއިރު، އޭނާ މި ލަނޑުޖެހީ އެ ޓީމުގެ މިލާދު މުޙައްމަދީ ފޮނުވާލި ބޯޅައެއް މިސްރުގެ ކީޕަރު، ޝޮބީރު އަތުގައި ޖެހިފައި ނިކުތުމުން އެ ބޯޅަ ލިބުމުން ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.

އޭގެފަހުން، ދެވަނަ ހާފުގައި ވެސް އީރާނުން ފޮނުވާލި ހަމަލާތައް ހުއްޓުވުމަށް މިސްރުގެ ކީޕަރު، ޝޮބީރު ގިނަ ސޭވްތަކެއް ކޮށްފައިވާއިރު، މެޗު ނިމެންދަނިކޮށް އީރާނުން ގޯލެއް ކާމިޔާބުކުރިނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމައި، ރެފްރީ އެ ލަނޑު ބަލައިނުގަތެވެ.

ކިޔުންތެރިންގެ ހިޔާލު