ENGLISH
18 އޭޕްރީލު 2025
އޮސްކާ އެނބުރި ސައޮ ޕައުލޯ އަށް
25 ޑިސެމްބަރު 2024
|
އޮސްކާގެ މިހާރުގެ ކްލަބު ސައޮ ޕައުލޯގެ ޖާޒީގައި. --ފޮޓޯ: ސައޮ ޕައުލޯ
ޗައިނާގެ ޝަންހާއީ ޕޯޓް އެފްސީ އަށް މިދިޔަ އަށް އަހަރު ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު، އޮސްކާ އޭނާގެ ކުރީގެ ކްލަބު ސައޮ ޕައުލޯ އަށް ބަދަލުވެއްޖެއެވެ.
އުމުރުން 31 އަަހަރުގެ އޮސްކާގެ ފްރޮފެޝަނަލް ކެރިއަރު ފެށި ސައޮ ޕައުލޯ އަށް ބަދަލުވެފައިވާކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.
ސައޮ ޕައުލޯ އިން ވަނީ، ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އޮސްކާ ސޮއިކޮށްފައިވާކަން ހާމަކޮށްފައެވެ.
އޮސްކާ ވަނީ، އެނބުރި ބްރެޒިލަށް ދެވޭތީވެ ވަރަށް އުފާވާ ކަމަށް ބުނެފައެވެ. ޚާއްސަކޮށް އެންމެ ބޮޑު އުފަލެއް ލިބެނީ ކެރިއަރު އެންމެ ފުރަތަމަ ފެށި ސައޮ ޕައުލޯ އަށް ބަދަލުވެވުނީތީވެ ކަމަށް ވެސް އޮސްކާ ފާހަގަކުރިއެވެ.
މީގެކުރީން، ޗެލްސީ އަށް ކުޅެފައިވާ އޮސްކާ ވަނީ ބްރެޒިލްގެ ޤައުމީ ޓީމަށް ވެސް 2011 އިން 2016 އާ ދެމެދު 48 މެޗު ކުޅެފައެވެ.
އޭނާ ވަނީ ޗައިނީޒް ސުޕަރ ލީގުގައި ޝަންހާއީ ޕޯޓާއެކު ހޭދަކުރި އަށް ސީޒަނުގެ ތެރެއިން ތިން ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައެވެ.
އޮސްކާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވުނު ދުވަސްވަރު، ޗެލްސީ އަށް 200 އަށްވުރެ ގިނަ މެޗު ކުޅެދީ 38 ލަނޑުޖަހައިފައިވެއެވެ. އެ ކްލަބުގައި ހޭދަކުރި ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގާއި، ލީގު ކަޕްގެ އިތުރުން ޔުއެފާ ޔުރޮޕާ ލީގު އުފުލާލައިފައިވެއެވެ.
އޭނާގެ ޕްރޮފެޝަނަލް ކެރިއަރު 2008 ވަނަ އަހަރު ސައޮ ޕައުލޯ އިން ފެށުމަށްފަހު، ދެ އަހަރު ފަހުން ވަނީ އިންޓަރނެޝިއޮނާލް އަށް ބަދަލުވެފައެވެ. އޭގެފަހުން، ދެން އޭނާ ބަދަލުވީ ޗެލްސީ އަށެވެ.