ENGLISH

26 ޖޫން 2026

Advertisement

އެކުއަޑޯ އާއި އައިވަރީ ކޯސްޓް ދެވަނަ ބުރަށް

26 ޖޫން 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ޖަރުމަނާއި އެކުއަޑޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އީގައި ޖަރުމަން ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް އެކުއަޑޯއިން ހޯދިއިރު، ދެވަނަ ޓީމުގެ ގޮތުގައި އައިވަރީ ކޯސްޓުވެސް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މިރޭ ކުޅުނު މެޗުން އެކުއަޑޯ މޮޅުވީ ޖަރުމަން އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. އަދި އައިވަރީ ކޯސްޓުން ވަނީ 2-0 ގެ ނަތީޖާއަކުން މުބާރާތުގައި މުޅިން އަލަށް ވާދަކުރި ކިއުރަސޯ އަތުން މޮޅުވެފައެވެ.

މި މެޗާ ކުރިމަތިލިއިރުވެސް ޖަރުމަނަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައިވާއިރު، އެ ޓީމު އޮތީ ގްރޫޕް އީގެ އެއްވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ދެވަނަ ހޯދި އައިވަރީ ކޯސްޓަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބޭއިރު، ޖަރުމަނަށް ކުރި ލިބެނީ ހެޑް-ޓު-ހެޑަށް ބަލާއިރު ލަނޑުގެ ތަަފާތުންނެވެ. ތިންވަނައަށް ދިޔަ އެކުއަޑޯއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބުނުއިރު، އެ ޓީމަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވީ 12 ގްރޫޕުގެ ކުޅުން ނިމޭއިރު، ތިންވަނައަށް ދާ ޓީމުތަކުގެ ތާވަލުގެ ގަދަ 8 ޓީމުގެ ތެރޭގައި ހިމެނޭނެތީއެވެ. މި ގްރޫޕުގެ ފުލަށްދިޔަ ކިއުރަސޯއަށް ތިން މެޗުން ލިބުނީ ޕޮއިންޓެކެވެ.

ވޯލްޑް ކަޕުގައި ޖަރުމަނާއި އެކުއަޑޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗު ފަށައިގެން ދެވަަނަ މިނެޓުގައި ޖަރުމަނުން ލީޑު ނެގިއިރު، ކައި ހަވާޓްޒް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ލެެރޯއި ސާނޭއެވެ. ސާނޭ އެ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން ޖަރުމަނުގެ އަލެކްސަންޑަރ ޕަވްލޮވިޗް، އެކުއަޑޯގެ ކުޅުންތެރިއެއްގެ ބޮލާ ހަމައށް ފައި ނެގުމުން ފައުލެއް ކަމަށް އެޕީލްކުރި ނަމަވެސް، މެޗުގެ ރެފުރީވެސް އަދި ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ވެސް ބަލާފައެއް ނުވެއެވެ.

މެޗުގެ ކުރީކޮޅު ޖަރުމަނުން ލީޑު ނެގި ނަމަވެސް، އޭގެ ހަތް މިނެޓު ފަހުން އެކުއަޑޯއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު ޖަހައިދިނީ ވިލްސަން އަަންގޫލޯއެވެ. މި މެޗުން އެކުއަޑޯ މޮޅުވީ މެޗުގެ 77 ވަނަ މިނެޓުގައި ކޯނަރަކުން ގޮންޒާލޯ ޕްލާޓާ ޖެހި ލަނޑުންނެވެ.

ވޯލްޑް ކަޕުގައި އައިވަރީ ކޯސްޓާއި ކިއުރަސޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މީގެ އިތުރުން އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމުގައި މިރޭ ކިއުރަސޯއާ ދެކޮޅަށް ކުޅުނު މެޗުގައި އައިވަރީ ކޯސްޓުން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ޔަން ޑިއޮމަންޑޭ ނެގި ހުރަހަކުން ނިކޮލަސް ޕެޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ދެވަނަ ހާފުގައި، މެޗުގެ 64 ވަނަ މިނެޓުގައި ޕެޕޭ ވަނީ އިތުރު ލަނޑެއް ޖަހައި، އައިވަރީ ކޯސްޓަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު