ENGLISH
18 އޭޕްރީލު 2025
ޤައުމީ ވޮލީބޯލް ލީގު މި މަހު 28 ގަ ފަށަނީ
25 ޑިސެމްބަރު 2024
|
ކުރިން ކުޅުނު ވޮލީބޯޅަ މެޗެއްގެ ތެރެއިން. --ފޮޓޯ: ވީއޭއެމް
ޤައުމީ ފިރިހެން ވޮލީބޯލް ލީގު މި މަހު 28 ގައި ފަށަން ނިންމާފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފިއެވެ.
މި އަހަރުގެ މުބާރާތް ކުރިއަށްދާނީ މި ޑިސެމްބަރު މަހުގެ 28 އިން އަންނަ ޖަނަވަރީ މަހުގެ 2 ގެ ނިޔަލަށެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
މި ފަހަރުގެ ޤައުމީ ވޮލީބޯލް ލީގުގައި ފަސް ކްލަބަކުން ވަނީ ބައިވެރިވެފައެވެ. އެއީ، އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ގެ އިތުރުން، ސްޕޯޓްސް ކްލަބު ސިޓީ (އެސްސީސީ)، ޕޮލިސް ކްލަބު (ޕީއެލްސީ)، ކްލަބު އެޗްޑީސީ (އެޗްޑީސީ) އަދި ބްލޫސް ފޯރ ވޮލީބޯލް (ބީއެފްވީ) އެވެ.
އެންމެ ފަހުގެ މުބާރާތުގެ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޕޮލިސް ކުލަބު ބަލިކޮށްފައެވެ.
ލީގު އުސޫލުން ކުރިއަށްދާ މި ފަހަރުގެ ޤައުމީ ވޮލީބޯލް ލީގުގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ސްޕޯޓްސް ކްލަބު ސިޓީ ނުކުންނާނީ ބްލޫސް ފޯރ ވޮލީބޯލްއާ ދެކޮޅަށެވެ.