ENGLISH
24 ޖޫން 2026
ޕީސީބީގެ ބޯޑަށް ޒައިނާ އަބްދުﷲ އައްޔަނުކޮށްފި
24 ޖޫން 2026
|
ޕީސީބީގެ މެމްބަރުކަމަށް އައްޔަނުކުރެއްވި ޒައިނާ.
އެންމެ މަޤްބޫލު
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ގއ. ދާންދޫ، އަމާޒް، ޒައިނާ އަބްދުﷲ، އައްޔަންކޮށްފިއެވެ.
ޕީސީބީން ބުނީ ޒައިނާ އެ މަގާމަށް އައްޔަނުކުރީ އިއްޔެކަމަށެވެ.
ޒައިނާ ޢަބްދުﷲ އަކީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި، ޚާއްޞަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ ބޭފުޅެކެވެ. އޭނާ މިހާރު އަދާކުރައްވަމުން ގެންދަވާ މަޤާމަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިން އެވެ. މި މަޤާމުގައި އޭނާ އިސްކޮށް ބަލަހައްޓަވަނީ ބޭންކުގެ ކޯޕަރޭޓް ފައިނޭންސިން އޮޕަރޭޝަންތަކާއި، ކްރެޑިޓް އިވެލުއޭޝަން، ފައިނޭންސިން ލިޔެކިޔުންތަކާއި ހުއްދަތައް ދިނުމުގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި މަޝްރޫޢުތަކަށް ދޫކުރެވޭ ފައިނޭންސިންއާ ގުޅޭ އެންމެހައި ކަންކަމެވެ.
ޕީސީބީގެ މެމްބަރުކަމަށް ޒައިނާ އައްޔަނުކުރިކަން އަންގައި ޕީސީބީން ކުރި ޕޯސްޓް.
އެމް.އައި.ބީ އާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ ސީނިއަރ އޮފިސަރެއްގެ މަޤާމު ފުރުއްވާފައެވެ. އެ މުއްދަތުގައި އޭނާ ވަނީ ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓަރކޮށް އިވެލުއޭޓް ކުރުމާއި، މާލީ ބަޔާންތަކާއި ބަޖެޓުތަކުގެ އިތުރުން ބިޒްނަސް ޕްލޭންތައް ދިރާސާކުރުމާއި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މި ތަޖުރިބާގެ ސަބަބުން ކޯޕަރޭޓް ގަވަރނަންސް އާއި ދައުލަތުގެ އިދާރީ އިޞްލާޙީ ބަދަލުތަކުގެ ދާއިރާއިން އޭނާއަށް ވަނީ ފުޅާ ދާއިރާއެއްގައި މަޢުލޫމާތާއި ތަޖުރިބާ ލިބިވަޑައިގެންފައެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ޒައިނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (INCEIF) އިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފައެވެ. އަދި އިންޑިއާގެ ޔުނިވަރސިޓީ އޮފް ޕޫނޭ އިން ބެޗްލަރ އޮފް ކޮމާސް ހާސިލުކުރައްވާފައިވެއެވެ. އޭނާގެ ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިންގ، ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވަނަންސް، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް، އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ހިމެނެއެވެ.
ބޭންކިން ދާއިރާގެ އިތުރުން ދައުލަތުގެ ކުންފުނިތައް ހިންގުމާއި ބެލެހެއްޓުމުގެ ދާއިރާގައި ހޯއްދަވާފައިވާ ހަރުދަނާ ތަޖުރިބާތަކާއެކު، ޒައިނާ އަކީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް މާލީ އަދި އިދާރީ ގޮތުން އަގުހުރި ޢިލްމީ އަދި ފަންނީ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ބޭފުޅެކެވެ.