ENGLISH

23 ޖޫން 2026

Advertisement

އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ، އެ ބޭފުޅުންގެ އިޚްލާސްތެރި މަސައްކަތްތައް ފާހަގަކުރައްވައިފި

23 ޖޫން 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ޤައުމީ ތަރައްޤީއަށާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް، އާންމު ޚިދުމަތްތެރިން ކުރައްވަމުން ގެންދަވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އެ ބޭފުޅުންގެ އިޚްލާސްތެރި މަސައްކަތްތައް ފާހަގަކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރެއްވީ ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ޕަބްލިކް ސަރވިސް ޑޭގެ މުނާސަބަތުގައި އެމަނިކުފާނުގެ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މުޖުތަމަޢުތަކަށް ޚިދުމަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލުކުރުމަށް ބާރުއެޅުމާއި، މުޖުތަމަޢުގެ ފާގަތިކަން ކުރިއެރުވުމަށްޓަކައި އާންމު ޚިދުމަތްތެރިން، އެ ބޭފުޅުންގެ ވަގުތާއި ހަކަތަ ހޭދަކުރައްވައި، ވަރުބަލިކަމެއްނެތި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސާބަސް ދެއްވާފައިވެ އެވެ.

ހަމަމިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ، ނަޒާހަތްތެރިކަމާއި، ފަންނީ ހުނަރުވެރިކަމާ އަދި ފުރިހަމަކަމާއެކު އެބޭފުޅުންގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާ އާންމު ޚިދުމަތްތެރިންނަށް އެއްބާރުލުން ދީ، ދަޢުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން، ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އާންމު ޚިދުމަތްތެރިންނާއި ދަޢުލަތުގެ މުއައްސަސާތަކުން ޤައުމަށާއި ރައްޔިތުންނަށްޓަކައި ސާބިތުކަމާއެކު ވަމުންދާ ޤުރުބާނީއަށާއި، މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވާ ޚިދުމަތަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު