ENGLISH
23 ޖޫން 2026
ދިހަ ރަށެއްގައި ނާސަރީ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
23 ޖޫން 2026
|
ދިހަ ރަށެއްގައި ނާސަރީ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން --
އެންމެ މަޤްބޫލު
ދިހަ ރަށެއްގައި ނާސަރީ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން، ރާއްޖޭގެ 20 ރަށެއްގައި ނާސަރީ ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެކަމަށް ބޭނުންވާ ގްރާންޓް އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެެވެ.
އެގޮތުން މި މަސައްކަތުގެ ފުރަތަމަ 10 ރަށާއި އެކީ މި އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ. އެއީ:
ހއ. ކެލާ
ށ. މިލަންދޫ
ނ. ކެނދިކުޅުދޫ
ރ. އިންނަމާދޫ
ބ. މާޅޮސް
އއ. މަތިވެރި
މ. މުލައް
ތ. ކިނބިދޫ
ގއ. ދާންދޫ
ގދ. ތިނަދޫ ސިޓީ
މި އެއްބަސްވުމުގެ ދަށުން ކޮންމެ ރަށަކަށް ނާސަރީ ތަރައްޤީ ކުރުމަށް 500,000 ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި ނާސަރީގެ މަސައްކަތް ނިންމަންޖެހެ އެވެ. މި ނާސަރީތަކަކީ އެ އަތޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ތަންތަނެވެ.
އަންދާޒާ ކުރެވޭ ގޮތުގައި ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް އުފައްދާނެ އެވެ. މި ތަންތަނުން ހައްދައި ބޭރުކުރާ ހުރިހާ ގަހެއް ގުނޭނީ ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ތެރެއިންނެވެ. މީގެ އިތުރުން، މި ނާސަރީތަކުގެ ސަބަބުން ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.
މި މަޝްރޫއު ހަރުދަނާކުރުމުގެ ގޮތުން ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ގާޑަނިން ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ނާސަރީތަކަކީ ދިގުމުއްދަތަކަށް ރަށާއި އަތޮޅުގެ ތަރައްޤީއަށް ބޭނުންކުރެވޭނެ މުހިންމު ވަސީލަތްތަކެކެވެ. މީގެ ސަބަބުން ރަށު ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބި، އިޤްތިޞާދީ ގޮތުން ރަށްރަށަށް ކުރިއެރުން ލިބޭނެ އެވެ. އަދި މިއީ ތިމާވެށި ހިމާޔަތްކުރުމަށް ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅު ފުއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.