ENGLISH

23 ޖޫން 2026

Advertisement

2027 އަށް ސަރުކާރު ކުންފުނިތައް އޮޑިޓްކޮށް ނިންމަނީ

23 ޖޫން 2026

|

އައިމިނަތު ޝަފާ

ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު އެސްއޯއީ ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ؛ މަޖިލިސް އިދާރާ.

ސަރުކާރު ހިއްސާވާ ކުންފުނިތައް އޮޑިޓްކުރުމުގެ މަސައްކަތް 2027 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވެއްޖެއެވެ.

ޕީސީބީގެ ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި މުހައްމަދު ނިޒާރަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކުރުމުގެ މަރުހަލާގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވަނީ ނިޒާރާ އިންޓަވިއު ކޮށްފައެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ނިޒާރު ވިދާޅުވީ މަގާމާ ހަވާލުވުމަށްފަހު އެންމެ ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކީ ކުންފުނިތަކުގެ އޮޑިޓްތައް ނިންމުމުގެ މަސައްކަތްކަމަށެވެ. ދެ ހާސް ބާވީސްވަނަ އަހަރުން ފެށިގެން ހައެއްކަ ކުންފުނީގެ އޮޑިޓް ނުނިމި އޮތް ކަމަށާއި މިހާރު ކުރިއަށްދަނީ އެ މަސައްކަތްތައް ނިންމުމުގެ މަރުހަލާކަމަށް ވިދާޅުވިއެވެ. 

"މި ބަލަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއެކު މަޝްވަރާ ކޮށްގެން 2027ގެ އޭޕްރިލްގެ ނިޔަލަށް ހުރިހާ ކުންފުންޏެއްގެވެސް އޮޑިޓްތައް ނިންމުމަށް މަސައްކަތްކުރަނީ މި، މިހާރު ހުރި މައްސަލަތަކާއެކުގައިވެސް އެ ތާރީހަށް ކުންފުނިތަކުގެ އޮޑިޓްތައް ނިންމުމަށް މި މަސައްކަތްކުރަނީ، އިރާދަކުރެއްވިޔާ މި އަމާޒަށް ވާސިލުވާނެ،". ނިޒާރު ވިދާޅުވިއެވެ. 

ފައިނޭންޝަލް އޮޑިޓަކީ ކުންފުންޏެއް ނުވަތަ މުއައްސަސާއެއްގެ މާލީ ރިޕޯޓުތަކާއި މުއާމަލާތްތައް، މިނިވަން ފަރާތަކުން ބަލައި، ގާނޫނުތަކާއި މިންގަނޑުތަކާ އެއްގޮތަށް ހިނގާފައިވާތޯ ޔަގީންކުރުމަށް ކުރެވޭ ތަހުގީގެކެވެ. މީގެ މައިގަނޑު ބޭނުމަކީ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކޮށް، ކޮރަޕްޝަނާއި އޮޅުވާލުންތައް ހުއްޓުވުމެވެ.

ކުންފުނިތަކުގެ މިހާރުގެ މާލީ ހާލަތާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނިޒާރު ވިދާޅުވީ ކުންފުނިތަކުގެ މިހާރުގެ މާލީ ހާލަތު ވަރަށް ދަށް ކަމަށެވެ. އޮޑިޓް ނިމުމުން ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅަށް ވަޒަންކުރެވޭނެކަމަށް ވިދާޅުވިއެވެ. 

ނިޒާރު ވަނީ ގާނޫނުގައިވާ ގޮތުގެމަތިން މަސައްކަތްކުރާއިރު އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. 

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޕީސީބީގެ ރައީސްގެ މަގާމަށް ނިޒާރު އައްޔަނު ކުރުމަށް ރުހުން ދޭން ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު