ENGLISH
23 ޖޫން 2026
ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި
23 ޖޫން 2026
|
ތެލެސީމިއާ ބަލިމީހެއްގެ ގަޔަށް ލޭ އަޅަނީ. ފޮޓޯ: ފެމިލީ ޑޮކްޓަރ.
އެންމެ މަޤްބޫލު
މޯލްޑިވްސް ޒަކާތު ހައުސްއިން ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފިއެވެ.
ޒަކާތު ހައުސްއިން ބުނީ މި ފައިސާ އިއްޔެ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭ)އަށް ޖަމާކޮށްދީފައިވާކަމަށެވެ.
ދެހާސް ސައުވީސް ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، ކޮންމެ އަހަރަކުވެސް ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން ދަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ފަހުމުނާމާގައި ސޮއިކުރުމުގެ ކުރިންވެސް، 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން ތެލަސީމިއާ ބަލިމީހުންގެ ބޯންމެރޯ ޓްރާނސްޕްލާންޓް ހެދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ޒަކާތު ހައުސްއިން ފާހަގަކުރެއެެވެ.
ތެލެސީމިއާއަކީ މުޅި އުމުރަށް ލޭ އެޅުމާއި ސިއްހީ ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެކެވެ. މި ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމެވެ. މި ފަރުވާގައި ކުރެވޭ ކަމަކީ ބަލިމީހާގެ މައްސަލަ ހުރި ބޯންމެރޯގެ ބަދަލުގައި، ގުޅޭ ހަދިޔާކުރާ ފަރާތެއްގެ ދުޅަހެޔޮ ސްޓެމް ސެލްތައް ޓްރާންސްޕްލާންޓްކުރުމެވެ. މީގެ ސަބަބުން ހަށިގަނޑަށް އާދައިގެ ރެޑް ބްލަޑް ސެލްތައް އުފެއްދުމުގެ ގާބިލުކަން ލިބިގެންދެއެވެ.
ކާމިޔާބުކަމާ އެކު ބޯންމެރޯ ހެދުމުން ބަލިމީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ގަވާއިދުން ލޭ އެޅުމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، ބަލީގެ ސަބަބުން ކުރިމަތިވެދާނެ ދިގު މުއްދަތުގެ ނުރައްކާތަކުން ސަލާމަތްކޮށްދެއެވެ. މިއީ ވަރަށް ބޮޑަށް ހާއްސަވެފައިވާ އަދި އަގުބޮޑު ފަރުވާއަކަށް ވުމުން، ޝަރުތުހަމަވާ ބަލިމީހުންނަށް މި ފުރާނަ ސަލާމަތްކޮށްދޭ ފަރުވާ ހޯދައިދިނުމުގައި މާލީ އެހީތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.