ENGLISH

23 ޖޫން 2026

Advertisement

ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެކަނިވެރި މައިން ތިބެންޖެހޭނެކަމަށް ގަބޫލެއް ނުކުރަން: ރާޝިދާ

23 ޖޫން 2026

|

އައިމިނަތު ޝަފާ

ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް. ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެކަނިވެރި މައިން ތިބެންނުޖެހޭނެކަމަށް ވިދާޅުވި. ފޮޓޯ؛ ރައީސް އޮފީސް

ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެކަނިވެރި މައިން ތިބެންޖެހޭނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.

ރާޝިދާ ކުރެއްވި "އެކްސް"ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ އަންހެނަކާއި ކޮންމެ ކުޑަކުއްޖެއްގެ އަސާސީ ބޭނުންތަކާއި ހައްގުތައް ފުރިހަމަކޮށްދީ، އެ މީހުން ރައްކާތެރިކުރުމުގެ ދީނީ ޒިންމާ އުފުލަންޖެހޭ ބެލެނިވެރިޔަކު ހުންނާނެކަމަށެވެ.

"ތަރިކަ މުދާ ބަހާ ދުވަހު މި ބުނާ ބެލެނިވެރިޔާ ހުރި ތަނަކުން ހޯދައިގެން ކޯޓަށް ހާޒިރުކޮށް މުދާ ހަވާލުކުރެއެވެ. ނަމަވެސް، އޭނާގެ މައްޗަށް ލާޒިމުވާ އެހެނިހެން ޒިންމާތައް އަދާކުރުވުމަށް ބާރުއަޅާނެ ފަރާތެއް ނުހުރެއެވެ،". ރާޝިދާ ވިދާޅުވިއެވެ.

ނިކަމެތި މައިންނާއި ޅަދަރިންނަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޅިން ތަފާތު ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި ރާޝިދާ ވަނީ ބައްޕައިންގެ ދުވަސް ފާހަގަކޮށް ނިމުނުއިރު، ބައްޕަ ފެންނަން ނެތް ކުދިންނާއި، ބައްޕަ ނިޔާވެފައިވާ ކުދިންގެ އިތުރުން، ބައްޕައިންގެ އަޅާލުމުން މަހުރޫމްވެފައިވާ ކުދިންނަށް ކުރާނެ ހިތްދަތި އިހުސާސްތައް ހުންނާނެކަމަށް ވިދާޅުވެފައެވެ.

މި މުޖުތަމައަށް "އެކަނިވެރި މައިން" މި މަފްހޫމް ތައާރަފްވެގެން ދިޔައީ ޒިންމާދާރުކަން ކުޑަ ބަލަދުވެރިންގެ ސަބަބުންކަމަށް ރާޝިދާ ވިދާޅުވިއެވެ.

އަދި މިފަދަ ބަލަދުވެރިން އެމީހުންގެ ދީނީ އަދި އިންސާނީ ޒިންމާތަކުން ރެކެމުންދާއިރު، އެކަންކަން އިސްލާހުކޮށް ޒިންމާދާރު ކުރުވުމުގެ މުހިންމުކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު