ENGLISH

23 ޖޫން 2026

Advertisement

ކެންސަރު ހޮސްޕިޓަލްގައި މުހިންމު ހިދުމަތްތަކެއް 2028ގެ ކުރިން ފަށާނެ: ވަޒީރު ގީލާ

23 ޖޫން 2026

|

އައިމިނަތު ޝަފާ

ވަޒީރު ގީލާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ މަޖިލިސް އިދާރާ.

ކެންސަރު ހޮސްޕިޓަލްގައި އަސާސީ ފަރުވާއާއި ބަލި ދެނެގަނެވޭ މިންވަރަށް ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައް 2028ގެ ކުރިން ނިންމުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. 

ރާއްޖޭގައި ކެންސަރުގެ ހާލަތު އޮތް ގޮތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން 2025 ވަނަ އަހަރު އެކަނިވެސް ކެންސަރު ބަލީގެ ޕޭޝަންޓުގެ ގޮތުގައި 67 އަންހެނުންނާއި 53 ފިރިހެނުން ރަޖިސްޓްރީ ކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިހާތަނަށް އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރުން ކެންސަރާ ގުޅުންހުރި ކަންކަމުގައި 5755 މީހުންނަށް އެހީތެރިކަން ފޯރުވައިދީފައިވާކަމަށެވެ. މި ފަރުވާތަކަށް 374 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި 25 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ކެންސަރުގެ ހިދުމަތްތައް ހިމެނޭގޮތަށް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ހޮސްޕިޓަލްގައި މަލްޓިސްޕެޝަލިޓީ ކެންސަރާއި މެޓަރނަލް އެންޑް ޗައިލްޑް ހެލްތުގެ ފަރުވާ ހިމެނޭ. އެކި މަރުހަލާތަކުގައި މަސައްކަތްދަމުންގޮސް، 2028ގެ ކުރިން އެންމެ އަސާސީ ޑައިގްނޯސްޓިކް ޓެސްޓްތަކާއި ފަރުވާ ފަށާނެ. ރޭޑިއޯ ތެރަޕީ، ކީމޯ، ޕެޓް ސްކޭން ފަދަ ހިދުމަތްތައް ފަށާނެ،". ވަޒީރު ވިދާޅުވިއެވެ.

ސަރުކާރު ހޮސްޕިޓަލްތަކުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗް ހިމެނޭހެން ނުވަ އެނދު ކެންސަރު ފަރުވާއަށް ހާއްސަކޮށްފައިވާއިރު އައްޑޫ، ހދ، ޅ، ރ، އަދި ގދ އަތޮޅު ހޮސްޕިޓަލުގައިވެސް މި ހިދުމަތްތައް ގާއިމުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ގިނަ އެއް ބާވަތުގެ ކެންސަރުކަމަށްވާ އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ މެމޯގްރާމް ޓެސްޓް ހެދުމުގެ ހިދުމަތް ފަސް ރީޖަނަލް ހޮސްޕިޓަލާއި ފުވައްމުލައް ސިޓީ އާއި ބ. އަތޮޅު ހޮސްޕިޓަލްގައި މިހާރު  ގާއިމުކޮށްފައިވާކަމަށާއި އިންޑިއާގެ 15 ހޮސްޕިޓަލާއި ލައްކާގެ ދެ ހޮސްޕިޓަލުން އާސަންދަ މެދުވެރިކޮށް ބައްޔަށް ފަރުވާ ހޯދޭނެ ނިޒާމު ފަހިކޮށްދީފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ކެންސަރުގެ ހާލަތު ދެނެގަތުމާއި އެކަމަށް މެދުވެރިވާ ސަބަބުތަކާއި ގުޅޭ ތަފްސީލީ މައުލޫމާތު އެއްކުރުމަށް، މި ދައުރުގެ ތެރޭގައި ހާއްސަ ދިރާސާއެއް ކުރިއަށްގެންދާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު