ENGLISH
23 ޖޫން 2026
ހާލަންޑުގެ ދެ ލަނޑާއެކު ސެނެގޯލް ބަލިކޮށް، ނޯވޭ ދެވަނަ ބުރަށް
23 ޖޫން 2026
|
ސެނެގޯލް ކޮޅަށް ލަނޑުޖެހުމަށްފަހު ނޯވޭގެ ފޯވާޑް، ހާލަންޑް އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އައިގައި ކުޅުނު މެޗުގައި އާލިން ހާލަންޑް ކާމިޔާބުކުރި ދެ ލަނޑާއެކު ސެނެގޯލް 3-2 ގެ ނަތީޖާއަކުން ބަލިކޮށް، ނޯވޭ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މި ނަތީޖާއާއެކު ނޯވޭ އުޅެނީ އެ ގްރޫޕުގެ ދެވަނައިގައެވެ. މި ގްރޫޕުގެ އެއްވަނައިގައި އުޅޭ ފްރާންސާއި ދެވަނައިގައި އޮތް ނޯވޭ އަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ފްރާންސަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ސެނެގޯލް އާއި ފުލުގައި އުޅޭ އިރާޤަށް ޕޮއިންޓެއްނުލިބެއެވެ.
އެމެރިކާގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައިނުވާއިރު، މި ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 43 ވަނަ މިނެޓުގައި ނޯވޭ އަށް ކާމިޔާބުކޮށްދިނީ ހޯލްމްގްރެން ޕެޑަސަން އެވެ. މިއީ ސެނެގޯލްގެ ކަލިދޫ ކޫލިބާލީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޕެޑަސަން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި ހާލަންޑް ވަނީ ނޯވޭގެ ދެވަނަ ލަނޑުޖަހައިދީފައެވެ. ހާލަންޑް މި ލަނޑުޖެހީ އެ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް ދިން ހިތްގައިމު ޕާހަކުންނެވެ.
ނޯވޭއާ ސެޮނެގޯލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް
ސެނެގޯލުން މެޗުގައި ޖެހި ފުރަތަމަ ލަނޑު، 53 ވަނަ މިނެޓުގައި އިސްމާއިލާ ސާރ ކާމިޔާބުކޮށްދިންއިރު، އޭގެ ފަސް މިނެޓުފަހުން ހާލަންޑް ވަނީ ނޯވޭ އަށް އިތުރު ލަނޑެއްޖަހައި ފަރަގު ބޮޑުކޮށްދީފައެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ހަތަރުވަނަ ގޯލެވެ.
މެޗުގެ އިތުރުވަގުތުގެ ތެރޭގައި ސާރ ވަނީ ސެނެގޯލަށް ދެވަނަ ލަނޑެއްޖަހައިދީފައެވެ. އެހެންނަމަވެސް، އެ ޓީމަށް އިތުރު ގޯލެއް ކާމިޔާބުނުކުރެވި، ނޯވޭ އިން މެޗު ކާމިޔާބުކުރިއެވެ.
މި މެޗުން ބަލިވިނަމަވެސް، މުބާރާތުގައި ދެން ކުޅޭ މެޗު ކާމިޔާބުކޮށްގެން ސެނެގޯލަށް އަނެއް ބުރަށް ދިއުމުގެ އުއްމީދެއް އެބައޮތެވެ. އެއީ، ހުރިހާ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަ ޓީމުގެ އިތުރުން ތިންވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ 8 ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސެނެގޯލް ނިކުންނާނީ އިރާޤާ ދެކޮޅަށެވެ. ހަމަ އެ ދުވަހު ނޯވޭ ބައްދަލުކުރާނީ ފްރާންސާ އެވެ.