ENGLISH
23 ޖޫން 2026
ބޮޑު ކާމިޔާބީއެއް: ދައުލަތުން ބަލަހައްޓާ 60 މީހަކު ފަރުވާއަށް ފަހު އަނބުރާ މުޖުތަމަޢަށް
23 ޖޫން 2026
|
ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ. ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް.
އެންމެ މަޤްބޫލު
މި ސަރުކާރު ވެރިކަމަށް އައި ފަހުން ނަފްސާނީ ބަލި ތަހައްމަލުކުރަމުންދިޔަ ފަސްދޮޅަހަކަށް މީހުން ފަރުވާއަށްފަހު އަނބުރާ އަނބުރާ މުޖުތަމައަށް ނެރެވިފައިވާކަމަށާއި މިއީ ބޮޑު ކާމިޔާބީއެއްކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މެމްބަރު ސުވާލުކުރެއްވީ މެންޓަލް ހެލްތު ހޮސްޕިޓަލް މިހާރު އަޅަން ނިންމާފައިވަނީ ކޮންތާކުތޯ އާއި އެފަދަ ހޮސްޕިޓަލެއް ވަކިން ހުންނަންޖެހޭ ސަބަބާ މެދުގަ އާއި މިފަދަ ހޮސްޕިޓަލެއް މާލޭން ބޭރުގައި ހުރުމުގެ ފައިދާއާއި ގެއްލުމުގެ ދިރާސާއެއް ކުރެވިފައިވާނަމަ އެކަމުގެ ތަފްސީލު ބަޔާންކޮށްދެއްވުމަށެވެ.
މެންޓަލް ހޮސްޕިޓަލް މާލެ ސަރަހައްދުން ބޭރުގައި ގާއިމްކުރުމަށް ވަކި ދިރާސާއެއްކުރެވިފައި ނެތް ނަަމަވެސް އެފަދަ ހޮސްޕިޓަލެއް ގާއިމްކުރާއިރު އެ ހޮސްޕިޓަލް ހުންނަ ސަރަހައްދުން ހިދުމަތް ހޯދަމުން އަންނަ މީހުންގެ އަދަދާއި ލިބެންހުރި ވަސީލަތްތަކަށް ބަލަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ބަލި މީހުންވެސް ގިނައީ މާލެ ސަރަހައްދުގައިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ ފަރުވާ ހޯދާފައިވާއިރު މީގެ ތެރެއިން 45،000 މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުގައި ކަމަށެވެ.
ފާއިތުވީ އަހަރުތަކުގެ ތެރޭގައި ސިއްހީ ފަރުވާގެ ނިޒާމުގެ ތެރެއިން ނަފްސާނީ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތުމުންނާއި އެފަދަ ފަރުވާ ދިނުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ސަރުކާރުތަކުން ދީފައިނުވާތީ ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް އެކަށީގެންވާ ފަރުވާ ލިބިފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް މި ސަރުކާރުން މިކަމަށް ހާއްސަ ސަމާލުކަމެއްދީގެން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ގުރައިދޫގައި ގާއިމްކޮށްފައިވާ މަރުކަޒުގައި ގިނަ ބަޔަކަށް ފަރުވާދެވި، އަނބުރާ މުޖުތަމައަށް ނެރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
"އެތައް އަހަރުތަކެއްވަންދެން ގުރައިދޫ މަރުކަޒުގަައި ތިބި ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ މީހުން މިހާރު މި ފަރުވާ ފުރިހަމަކުރުމަށްފަހު އަނބުރާ މުޖުތަމައަށް ވަނީ ގެނެވިފައި، އޭގެތެރެއިން ފަސްދޮޅަހެއްހާ މީހުން ވަނީ މުޖުތަމައަށް ގެނެވިފައި، 20 އަހަރު 30 އަހަރު ވަންދެން ވަކި ތަނެއްގައި މަރުކަޒުކުރެވިގެން ފަރުވާދީ އަނބުރާ މުޖުތަމައަށް ނެރުމަކީ ފަސޭހަކަމެއް ނޫން، އެފަދަ ބަލި މީހުން އަޅުގަނޑުމެން ޖެހޭ ގަވާއިދުން މޮނިޓާކޮށް ބަލަހައްޓަން، މި ސަރުކާރު އައިފަހުން މި 60 މީހުން އަނބުރާ މުޖުތަމައަށް ގެނެވިފައިވަނީ، އެހެންކަމުން އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ،". ވަޒީރު ވިދާޅުވިއެވެ.
އަދި ސަރުކާރުން ގާއިމްކޮށްފައިވާ މެންޓަލް ހެލްތު ހެލްޕް ލައިނަށް މިދިޔަ އަހަރު 10،000 އަށްވުރެ ގިނަ ކޯލު ލިބި، ފަރުވާ ދީފައިވާ ކަމަށާއި މިއީވެސް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ހުރިހާކަމަކަށް ބަލައި ސަރުކާރުން ގާއިމުކުރާ މެންޓަލް ހެލްތް ހޮސްޕިޓަލް މިހާރު އަޅަން ނިންމާފައިވަނީ މާލެ ސަރަހައްދުގައިކަމަށެވެ. މި ހޮސްޕިޓަލުގެ މަސައްކަތަށް ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ކަނޑައަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ސައިކޭޓްރިކް ހިދުމަތް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މާލެ ސަރަހައްދުގައި ގާއިމުކުރާ މެންޓަލް ހެލްތު ހޮސްޕިޓަލު ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަ ފަރުވާގެ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށް ކަމަށެވެ.