ENGLISH

23 ޖޫން 2026

Advertisement

އަރިއަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި އުޅަނދުފަހަރު ދުއްވޭނެ ދުވެލިތައް ކަނޑައަޅައިފި

23 ޖޫން 2026

|

އައިމިނަތު ޝަފާ

ސަމްޕާ ސަރަހައްދު: ފޮޓޯ/ ހޮޓެލިއާ މޯލްޑިވްސް

އަރިއަތޮޅު ދެކުނުބުރީގައިވާ "ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" ބެލެހެއްޓުމަށް އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭންގެ ދަށުން، އެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ދުއްވަންޖެހޭ ވަކި ދުވެލިތަކެއް ކަނޑައަޅައި، އެކަމަށް އަމަލުކުރަން ފަށައިފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ މި މެނޭޖްމަންޓް ޕްލޭނަކީ ސަމްޕާ ސަރަހައްދުގެ ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް، އެ ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެކުލަވާލާފައިވާ މުހިންމު އުސޫލެއްކަމަށެވެ. މި ޕްލޭންގައިވާ ގޮތުން، މި ސަރަހައްދުގެ އެކި ހިސާބުތަކުގައި އުޅަނދުފަހަރު ދުއްވޭނެ އެކި ދުވެލިތައް ވަނީ ބަޔާންކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، ސަމްޕާ ސަރަހައްދުގެ ރައްކާތެރިކަން ފެށެނީ ޒިންމާދާރުކަމާއެކު އުޅަނދުފަހަރު ދުއްވުމުން ކަމަށެވެ. ކަނޑައެޅިފައިވާ ދުވެލީގެ މިންގަނޑުތަކަށް ބޯލަނބައި، އެ އުސޫލުތަކަށް އިހުތިރާމްކުރުމަކީ ކަނޑުގެ ދިރުންތަކަށް، ހާއްސަކޮށް އެ ސަރަހައްދުގައި އުޅޭ ފެހުރިހި ފަދަ ތަކެއްޗަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. މީގެ އިތުރުން، މިއީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، މޫދަށް އެރި އުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވެސް ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހަރުދަނާ އުސޫލުތަކެއްގެ ދަށުން ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއްދީގެން އަންނަނީ މަސައްކަތްކުރަމުންނެވެ. 

އެހެންކަމުން، ސަމްޕާ ސަރަހައްދުގައި ދަތުރުކުރާ ހުރިހާ އުޅަނދުފަހަރަކުންވެސް މެނޭޖްމަންޓް ޕްލޭންގައި ބަޔާންކޮށްފައިވާ ދުވެލީގެ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް ވުޒާރާއިން އިލްތިމާސްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު