ENGLISH
18 އޭޕްރީލު 2025
ގޯލްޑް ކަޕް: އައްޑޫ ބަލިކޮށް އޭދަފުށި ޗެމްޕިއަންކަން ހޯދައިފި
24 ޑިސެމްބަރު 2024
|
މިރޭގެ ފައިނަލް މެޗުގެ ޗެމްޕިއަން ޓީމަށް ރައީސުލްޖުމްހޫރިއްޔާ މެޑެލް އާއި ޓްރޮފީ ހަވާލުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި އައްޑޫ ސިޓީ 2-0 އިން ބަލިކޮށް، ބ. އޭދަފުށިން އެ މުބާރާތުގެ ޗެމްޕިއަންކަން މިރޭ ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި އޭދަފުށިން ލީޑު ނެގީ 40 ވަނަ މިނެޓުގައި މުޙައްމަދު ފާސިރު (ފާއްޓޭ) ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ އެ ޓީމުގެ ހަމްޒާ މުޙައްމަދު (ހަމްޕު) ނަގައިދިން ކޯނަރެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުގެ 90 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ދެވަނަ ގޯލެވެ.
ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު އެވެ.
މިއީ ފަހަކަށް އައިސް ގަލޮޅު ދަނޑުން ފެނުނު އެންމެ ފޯރިގަދަ ފުޓުބޯޅަ މެޗެވެ. ރާއްޖޭގައި ފުޓުބޯޅަ އަށް މަޝްހޫރު އަދި ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިންތަކެއް އުފެދުނު އޭދަފުއްޓާއި އައްޑޫ ސިޓީގެ ފައިނަލުގައި ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެ ދިން ތަރުހީބުގެ އަޑުން މުޅި ދަނޑު ވަނީ ގުގުމާލައިފަ އެވެ.
މުބާރާތުގެ ފައިނަލްއާ ހަމައަށް އައްޑޫ ސިޓީ ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. އޭދަފުށި ވަނީ ގްރޫޕް ސްޓޭޖުގައި ކ. މާފުށި އަތުން ބަލިވެފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އޭދަފުށީގެ ފާއްޓޭ އެވެ. އޭނާ ވަނީ މުބާރާތުގައި ހަތް ލަނޑުޖަހައި، އޭދަފުއްޓަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، ފާއްޓޭ ވަނީ މުބާރާތުގައި އެ ޓީމު ކުޅުނު ފަސް މެޗެއްގައި ލަނޑުޖަހައި، އޭގެތެރެއިން ދެ މެޗުގައި ދެ ލަނޑު ޖަހައިފައެވެ.
އެންމެ މޮޅު ގޯލް ކީޕަރަކަށް އޭދަފުށީގެ އަބްދުﷲ ޒީޔަޒަން ހޮވުނުއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓު ހާސިލްކުރީ ދ. މީދޫގެ އިބްރާހިމް އިމްރާން އާއި ފުވައްމުލަކު ސިޓީގެ ބިދޭސީ ފޯވާޑް، ކޯފީ އޮވޫސޫ އެވެ.