ENGLISH
18 އޭޕްރީލު 2025
މޮންޒާގެ ކޯޗުގެ މަގާމުން ނެސްޓާ ވަކިކުރުމަށްފަހު އެ މަގާމަށް ބޮޗެޓީ ހަމަޖައްސައިފި
24 ޑިސެމްބަރު 2024
|
މޮންޒާގެ ކުރީގެ ކޯޗު، ނެސްޓާ. --ފޮޓޯ: ރޮއިޓާސް
މޮންޒާގެ ކޯޗުގެ މަގާމުގައި ހުރި އަލެސަންދްރޯ ނެސްޓާގެ ބަދަލުގައި އެ މަގާމަށް ސަލްވަޓޯރޭ ބޮޗެޓީ އައްޔަންކޮށްފައިވާ ކަމަށް އެ ކްލަބުން ބުނެފިއެވެ.
މޮންޒާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވެފައެވެ.
ކުރީގެ ލެޖެންޑަރީ ޑިފެންޑަރު، ނެސްޓާގެ އިރުޝާދުގެ ދަށުން މޮންޒާ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. މިއާއެކު، އެ ޓީމު އޮތީ ލީގުގެ އެންމެ ފުލުގައެވެ.
މޮންޒާގެ ކޯޗުގެ މަގާމަށް ނެސްޓާ ގެނައީ، ނިމިދިޔަ ސީޒަނަށްފަހު އެ ޓީމުގެ ކޯޗު، ރަފައެލް ޕަލަޑީނޯ ފިއޮރެންޓީނާގެ ކޯޗުގެ މަގާމާ ހަވާލުވުމުންނެވެ.
މޮންޒާގެ ކޯޗުގެ މަގާމުން ހޯމަ ދުވަހު ނެސްޓާ ވަކިކުރިއިރު، އާ ކޯޗަކަށް ހަމަޖެއްސި ބޮޗެޓީއާ އެކު ވަނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މީގެކުރީން، ބޮޗެޓީ ވަނީ 2022 ވަނަ އަހަރު ހެލާސް ވެރޯނާގެ ވަގުތީ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އެ ޓީމާއެކު އޭނާ ނުކުތް ހަ މެޗުން ވެސް ވަނީ ބަލިވެފައެވެ. މީގެތެރޭގައި މޮންޒާއާ ދެކޮޅަށް ކުޅުނު މެޗެއް ހިމެނެއެވެ.
ވެރޯނާގެ ސީނިއާ ޓީމާ ހަވާލުވުމުގެ ކުރީން ބޮޗެޓީ ވަނީ އެ ކްލަބުގެ ޔޫތު ޓީމަށް އިރުޝާދު ދީފައެވެ.
ލީގުގައި މޮންޒާ އަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ޕާމާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.