ENGLISH
15 ޖޫން 2026
އުރުގުއޭ އާއި ސައުދީ ބައްދަލުކުރާ މެޗުގައި ރެފުރީން ތިބޭނީ ފިޔާތޮށި ޖާޒީގައި، ކީއްވެ؟
15 ޖޫން 2026
|
އުރުގުއޭ އާއި ސައުދީ ބައްދަލުކުރާ މެޗުގައި އިޓަލީގެ ރެފިރީ މައުރީޒިއޯ މާރިއާނީ ބޭނުންކުރާނީ "ފްލެމިންގޯ ޕިންކް" ކުލައިގެ ޖާޒީ -- ފޮޓޯ: ފީފާ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގައި ފިޔާތޮށި ކުލަ މިވަނީ ނުފޫޒު ގަދަ ކުލައަކަށް ވެފައެވެ. އެގޮތުން މިރޭ ކުޅޭ ގުރޫޕް އެޗްގެ މެޗުގައި އުރުގުއޭ އާއި ސައުދީ އަރަބިއްޔާ ވާދަކުރާއިރު، މި މެޗުގައި ރެފުރީން ބޭނުންކުރަނީވެސް ފިޔާތޮށި ކުލައެވެ. މިއީ ކިހިނެއްވާ ކަމެއްތޯ ބަލާލަން ގިނަ ބަޔަކު ބޭނުންވެއެވެ.
މި މެޗު ކުޅެނީ ފްލޮރިޑާގެ މަޔާމީ ސްޓޭޑިއަމްގައެވެ. މަޔާމީއަކީ ފްލެމިންގޯ އާއި އޯޝަން ޑްރައިވްގައި ދުއްވާ ހާމަ ފުރޮޅުލީ ކާޑިލެކް ކާރުތަކާއި، އާޓް ޑެކޯ ބިނާތަކުގެ ސަބަބުން ޝައުގުވެރިކުރުވާ ސިޓީއެކެވެ. އަދި މި ރީތިކަމުގެ ތެރެއިން އެ ސިޓީ ވަނީ ފިޔާތޮށި ކުލައާ ނުހަނު ބޮޑަށް ގުޅިފައެވެ.
މި މުބާރާތުގެ ކުރިން ރެފުރީން ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި ތިބީވެސް ދެކުނު ފްލޮރިޑާގެ މި ސިޓީގައެވެ.
އުރުގުއޭ އާއި ސައުދީ މިރޭ ބައްދަލުކުރާ މެޗުގައި އިންސާފުކުރާނީ އިޓަލީގެ ރެފުރީ މައުރީޒިއޯ މަރިއާނީ އާއި އޭނާގެ ޓީމެވެ. މި މެޗުގައި އެ މީހުން ފިޔާތޮށި ކުލައިގެ ޖާޒީ ބޭނުންކުރާނީ މަޔާމީ ސިޓީން ދިން މެހުމާންދާރީއަށް ޝުކުރުއަދާކުރުމުގެ ގޮތުންނެވެ.
މިކަމާ ގުޅޭގޮތުން ފީފާގެ ޗީފް ރެފުރީ އޮފިސަރު އަދި ރެފުރީސް ކޮމިޓީގެ ޗެއާމަން ޕިއެރްލުއިޖީ ކޮލީނާ ވިދާޅުވީ "ފްލެމިންގޯ ޕިންކް" ކުލަ އިޚުތިޔާރުކުރީ އެ ސިޓީ ބަލައިގަންނަކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ.
"ދެ މަސް ދުވަހު އަޅުގަނޑުމެން ދިރިއުޅުނު ސިޓީގެ އަގުވަޒަންކޮށް، އެތަނަށް ޝުކުރުއަދާކުރުމަކީ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފެނުނީ،" ކޮލީނާ ވިދާޅުވިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ފިޔާތޮށި ކުލައަކީ މަޔާމީ ސިފަކޮށްދޭ ކުލަ ކަމަށްވާއިރު، ބޭނުންވަނީ ފީފާގެ އޮފިޝަލުންނަށް މެހުމާންދާރީ ފޯރުކޮށްދިން އެ ސިޓީއަށް ޝުކުރުވެރިވެ، އެ ސިޓީގެ ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދޭން ކަމަށެވެ.