ENGLISH
15 ޖޫން 2026
ވައްކަމާ ޑްރަގާ ގުޅިގެން ބަންދު ކުރި ގެއަކަށް ވަން މީހަކު ހައްޔަރުކޮށްފި
15 ޖޫން 2026
|
ވައްކަމާ ޑްރަގާ ގުޅިގެން ބަންދު ކުރި ގެ
އެންމެ މަޤްބޫލު
އައްޑޫގައި ކުށްކުރުމަށް ބޭނުންކުރަމުން އައި ގެއެއް ފުލުހުން ބަންދުކޮށްފައިވަނިކޮށް އެގެއަށް ވަން މީހަކު ހައްޔަރުކޮށްފިއެވެ.
ވައްކަމާއި ފޭރުން އަދި އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށްތަކަށް އަރައިގަންނަ މީހުން ބޭނުންކުރަމުންދިޔަ ސ.ހިތަދޫ / ލާމިޔާގެއާގެ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 90 ދުވަހުގެ މުއްދަތަށް ބަންދުކުރީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުންނެވެ.
އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ އެ ގެ ބަންދުކޮށް، ބޭރުގައި ނޯޓިސް ހަރުކޮށްފައިވަނިކޮށް ކޯޓު އަމުރާއި ހިލާފަށް އިއްޔެ އެ ގެއަށް ވަން މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އޭނާ ހަތް ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާކަމަށް ވެސް އައްޑޫ ފުލުހުން މައުލޫމާތުދެއެވެ.
ކޯޓު އަމުރާ ހިލާފުވީ މީހާގެ ވަނަވަރު އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
ކޯޓް އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނިކުމެ ހެދުމަކީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައަކާއި ނުލައި ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާމެދު ގާނޫނީ ގޮތުން އެޅޭނެ އެއްމެ ހަރުކަށި ފިޔަވަޅު އެޅޭނެކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެކަމަށެވެ.