ENGLISH

15 ޖޫން 2026

Advertisement

ފުލުހުންގެ ހިދުމަތުން ސްޕެޝަލް އޮޕަރޭޝަން ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފި

15 ޖޫން 2026

|

އާމިނަތު ނުޒްލާ

ސްޕެޝަލް އޮޕަރޭޝަން ޓްރޭނިންގ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފުލުހުންގެ އިދާރާ

ދިވެހި ފުލުހުންގެ ހިދުމަތުން " ސްޕެޝަލް އޮޕަރޭޝަން ޓްރޭނިންގ" ޕްރޮގްރާމެއް ފަށައި ފިއެވެ.

ފުލުހުންގެ ހިދުމަތުން ބުނީ، މި ޕްރޮގްރާމްގެ މަގުޞަދަކީ ސްޕެޝަލް ރެސްޕޮންސް އެންޑް ޑިޕްލޮއިމަންޓްގެ މުވައްޒަފުންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމާއި، ތަފާތު ހާލަތްތަކުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ފަދަ ހުނަރުވެރި ފުލުހުން ބިނާކުރުން ކަމަށެވެ.

މި ޖޫން މަހުގެ 14 ވަނަ ދުވަހު ފެށި މި ތަމްރީނު ޕްރޮގްރާމަކީ މާލެ ސަރަހައްދާއި ދ. ވާނީ ކެމްޕަހުގައި ހަތް ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. ފުލުހުން ބުނީ، މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 34 ފުލުހުން ބައިވެރިވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 27 ފިރިހެން ފުލުހުންނާއި 7 އަންހެން ފުލުހުން ކަމަށެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ސަބަބުން، ސްޕެޝަލް ރެސްޕޮންސް އެންޑް ޑިޕްލޮއިމަންޓްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކޮށް، އޮޕަރޭޝަންތަކުގައި ހަލުވި އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ފަންނީ ހުނަރާއި އަމަލީ ތަޖުރިބާ ލިބިގެންދާނެ ކަމަށް އެ ހިދުމަތުން ގަބޫލުކުރެއެވެ.

ފުލުހުން ބުނީ، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، ފުލުހުންގެ އޮޕަރޭޝަނަލް ރެޑިނަސް ރަނގަޅުކޮށް، ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.  

ކިޔުންތެރިންގެ ހިޔާލު