ENGLISH
15 ޖޫން 2026
ފަހުވަގުތު އަމަދު ވައްދާލި ލަނޑުން އެކުއަޑޯ އަތުން އައިވަރީ ކޯސްޓް މޮޅުވެއްޖެ
15 ޖޫން 2026
|
އެކުއަޑޯ ކޮޅަށް ލަނޑުޖެހުމަށްފަހު އައިވަރީ ކޯސްޓުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ރޮއިޓާސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އީ ގައި މިއަދު ކުޅުނު މެޗުގެ ފަހުވަގުތު އަމަދު ޑިއާލޯ ވައްދާލި ލަނޑުން އެކުއަޑޯ އަތުން 1-0 އިން އައިވަރީ ކޯސްޓް މޮޅުވެއްޖެއެވެ.
މި ނަތީޖާއާއެކު އައިވަރީ ކޯސްޓު ވަނީ ގްރޫޕް އީ ގެ އެއްވަނައިގައި އުޅޭ ޖަރުމަނާ އެއްވަރަށް ތިން ޕޮއިންޓް ހަމަކޮށްފައެވެ. އެ ޓީމު ދެވަނައިގައި އުޅެނީ ފައިދާގޯލްގެ ތަފާތުންނެވެ.
އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހަން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ އެކުއަޑޯ އަށެވެ. އެ ޓީމުގެ ޖޯން ޔެބޯއާ އާއި އެލަން މިންޑާ ފޮނުވާލި ދެ ހަމަލާ ވެސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، އެކުއަޑޯގެ ކެޕްޓަން، އެނާ ވެލެންސިއާ ހަނި އޭންގަލަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެފަހުން، އައިވަރީ ކޯސްޓުގެ އުމުރުން 19 އަހަރުން ޔަން ޑިއޮމަންޑޭ ދިން ބޯޅައަކުން އެ ޓީމުގެ އެލްޔޭ ވާހީ ފޮނުވާލި ބޯޅަ ވެސް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ދެ ޓީމަށް ވެސް ލަނޑެއްނުޖެހި އެއްވަރުވާން ދަނިކޮށް، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 90 ވަނަ މިނެޓުގައި ވިލްފްރައިޑް ސިންގޯ ކަނާތްފަރާތު އަރިމަތިން ދިން ބޯޅައަކުން އޭރިޔާ ބޭރުގައި ހުރެ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން އަމަދު ކާމިޔާބުކުރި ރީތި ގޯލެކެވެ.
މިއީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުން އެކުއަޑޯ ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމުން ވަނީ މި މުއްދަތުގެ ތެރޭގައި ބަލިނުވެ 19 މެޗު ފުރިހަމަކޮށްފައެވެ.
މި މުބާރާތުގައި ދެން ކުޅޭ މެޗުގައި މި މަހުގެ 21 ވާ އާދީއްތަ ދުވަހު އައިވަރީ ކޯސްޓު ނިކުންނާނީ ޖަރުމަނާ ދެކޮޅަށެވެ. ހަމަ އެދުވަހު އެކުއަޑޯ ބައްދަލުކުރާނީ ކިއުރަސޯއާ އެވެ.