ENGLISH

15 ޖޫން 2026

Advertisement

51.8 މިލިޔަން ޕައުންޑަށް ކުކުރެޔާ ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ

15 ޖޫން 2026

|

ސުވެއިދާ ހުސެއިން

ސްޕެއިންގެ ޑިފެންޑަރު މާކް ކުކުރެޔާ: 51.8 މިލިޔަން ޕައުންޑަށް ރެއާލަށް ބަދަލުވާން ވަނީ އެއްބަސްވެފަި -- ފޮޓޯ: ގެޓީ

ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު މާކް ކުކުރެޔާ ހޯދުމަށް 51.8 މިލިޔަން ޕައުންޑުގެ އަގަކަށް ރެއާލް މެޑްރިޑުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ކުކުރެޔާ މިވަގުތު ހުރީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ ސްޕެއިންގެ ޓީމާ އެކުގައެވެ. މި ޓްރާންސްފާގެ ދަށުން ކުކުރެޔާ ދާއިމީކޮށް ރެއާލްއާ ގުޅޭނީ 47.5 މިލިޔަން ފައުންޑުގެ ފީއަކާއި، އިތުރު ހުށަހެޅުންތަކާއެކު ލިބޭ 4.3 މިލިޔަން ފައުންޑާ އެކުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފްލޮރެންޓީނޯ ޕެރޭޒް އަލުން ރެއާލްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެން، ޓީމުގެ ކޯޗަކަށް ޖޯސޭ މޮރީނިއޯ ހަމަޖެއްސި ފަހުން، އެ ކުލަބުން ދަނީ ގިނަ ޓްރާންސްފާތަކެއް ހަދަމުންނެވެ. އެގޮތުން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އާއި، އިންޓަރ މިލާންގެ ފުލްބެކް ޑެންޒެލް ޑަމްފްރީސްވެސް ރެއާލްއާ ގުޅޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ލިވަޕޫލް ދޫކޮށްލި ފްރާންސްގެ ޑިފެންޑަރު އިބްރާހިމާ ކޮނާޓޭވެސް ރެއާލްއާ ގުޅޭނެ ކަމަށް ބެލެވެއެވެ.

2022 ވަނަ އަހަރު ބްރައިޓަންއިން 63 މިލިޔަން ފައުންޑަށް ޗެލްސީއާ ގުޅުނު ކުކުރެޔާ އަކީ ބާސެލޯނާގެ އެކެޑަމީން ތަމްރީނުވި ކުޅުންތެރިއެކެވެ. އޭނާ އަލުން ސްޕެއިނަށް ބަދަލުވާން ބޭނުންވެފައި ހުރިއިރު، އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ އިންވެސް އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

މާޗު މަހުގެ ބައިނަލްއަގުވާމީ ބްރޭކުގެ ތެރޭގައި ދިން އިންޓަވިއުއެއްގައި ކުކުރެޔާ ވަނީ، ސީޒަނުގެ މެދުތެރެއިން ޗެލްސީގެ ކޯޗުގެ މަގާމުން އެންޒޯ މަރެސްކާ ވަކިކުރުމާ ގުޅިގެން، އެ ޓީމުގެ މެނޭޖުމަންޓަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ކުލަބުގެ ހާލަތާ މެދު ހިތްހަމަނުޖެހި، މަރެސްކާގެ ފަހުން ޓީމާ ހަވާލުވި ލިއަމް ރޮސީނިއޯގެ އިރުޝާދުގެ ދަށުން ކުޅެން އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ނިމިދިޔަ ސީޒަނަށްފަހު މުސާރަ ބޮޑުކުރަން އެއްބަސްވި ނަމަވެސް، ކުކުރެޔާގެ އެއްބަސްވުމުގައި ބާކީ އޮތީ ތިން އަހަރެވެ. އެހެންކަމުން  ޗެލްސީން ރެއާލްގެ ހުށަހެޅުން ގަބޫލުކުރި އެންމެ ބޮޑު އެއް ސަބަބަކީ މިއީ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު