ENGLISH

15 ޖޫން 2026

Advertisement

ފަހު ވަގުތު ލަނޑު ޖަހައި ޖަޕާނުން ނެދަލެންޑްސްއާ އެއްވަރުކޮށްފި

15 ޖޫން 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ނެދަލެންޑްސް ކޮޅަށް ލަނޑު ޖެހުމަށްފަހު ޖަޕާނުގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެފްގައި މިރޭ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ޖަޕާނުން ނެދަލެންޑްސްއާ އެއްވަރުކޮށްފިއެވެ. ޑަލަސް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު، މި ހާފުގައި ލީޑު ނަގަން ނެދަލެންޑްސްއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ފޯވާޑް ޑޮންޔެލް މާލެން ފޮނުވާލި ދެ ހަމަލާއެއް ޖަޕާނުގެ ގޯލްކީޕަރު ޒިއޯން ސުޒޫކީ ވަނީ މަތަކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނެދަލެންޑްސްއިންނެވެ. މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި ރަޔާން ގްރަވެންބާކް ނެގި ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ވާޖިލް ވެން ޑައިކެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ޖަޕާނުން ނަތީޖާ އެއްވަރުކުރިއިރު، އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު ޖަހައިދިނީ ކެއިޓޯ ނަަކަމޫރާއެވެ.

ވޯލްޑް ކަޕުގައި ނެދަލެންޑްސް އާއި ޖަޕާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

މި މެޗުގައި ނެދަލެންޑްސްއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. ގްރަވެންބާކުގެ އިތުރު އެސިސްޓަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކްރައިސެންސިއޯ ސަމަރވިލްއެވެ. ނަމަވެސް މޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޖަޕާނުން ވަނީ އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްފައެވެ. ކޯނަރަކުން ކޯކީ އޮގާވާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ޑައީޗީ ކަމާޑާގެ ބޮލުގައި ޖެހިފައެވެ.

މި މެޗުން ޖަޕާން ޕޮއިންޓެއް ހޯދިއިރު، މި ފަހަރުގެ ވޯލްޑް ކަޕުގައި ހައިރާންކުރުވަނިވި ނަތީޖާއެއް ނެރެފާނެ ޓީމެއްގެ ގޮތުގައި ބެލެވޭ ޖަޕާނުން އަންނަނީ އެ ޓީމުގެ ފެންވަރު ސާބިތުކޮށްދެމުންނެވެ. ފީފާ ރޭންކިންގެ 18 ވަނައަށް އެ ޓީމު ކުރިއަށް ޖެހިލާފައިވާއިރު، މާރިޗު މަހު ވެމްބްލީގައި އިންގްލެންޑް އަތުން ހޯދި މޮޅަކީ އެ ޓީމުގެ ހުނަރުވެރިކަން ހާމަވެގެންދިޔަ މުހިންމު ކާމިޔާބީއެކެވެ.

ވޯލްޑް ކަޕުގައި ޖަޕާން ކޮޅަށް ލަނޑު ޖެހުމަށްފަހު ނެދަލެންޑްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި ޖަޕާނުން ދެއްކި ފޯރިގަދަ ކުޅުމަށް ބަލާއިރު، އެ ޓީމަކީ މި މުބާރާތުގައި ކުރިއަށްދާނެ، ގާބިލުކަން ހުރި ޓީމެއްކަން ވަނީ ހާމަވެފައެވެ. މެޗުގެ ދެ ފަހަރެއްގެ މަތިން ނެދަލެންޑްސްއިން ލީޑު ނެގި ނަމަވެސް، ޖަޕާނުން ވަނީ ހިތްވަރު ދޫނުކޮށް، ގަދަ އަޒުމަކާއެކު ކުޅެ، މުބާރާތުގައި ކުރިއަށް ދިއުމަށް މުހިންމު ޕޮއިންޓެއް ކަށަވަރުކޮށްފައެވެ.

މީގެ އިދިކޮޅަށް ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން އާއި އޭނާގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ސަބަބަކީ ދެ ފަހަރެއްގެ މަތިން މެޗުގެ ކުރިލިބި، މޮޅުވާން އޮތް ފުރުސަތުތައް ނަގާލައި، އެންމެ ފަހުން އެއްވަރުވުމުން، ޕޮއިންޓަކުން ފުއްދާލަން ޖެހުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު