ENGLISH
15 ޖޫން 2026
ވޯލްޑް ކަޕުގައި އަލަށް ވާދަކުރާ ކިއުރަސޯ އަތުން ޖަރުމަނަށް ފަސޭހަ މޮޅެއް
14 ޖޫން 2026
|
ވޯލްޑް ކަޕުގައި ކިއުރަސޯ ކޮޅަށް ލަނޑު ޖެހުމަށްފަހު ޖަރުމަނުގެ ވާޓްޒް އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕެއްގައި އަލަށް ވާދަކުރި ކިއުރަސޯގެ މައްޗަށް މުބާރާތުގެ ތަށި ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަނުން ފަސޭހަ މޮޅެއް ހޯދައިފިއެވެ. މި މުބާރާތުގެ ގުރޫޕް އީގައި މިރޭ ކުޅުނު މެޗު ޖަރުމަނުން ކާމިޔާބުކުރީ 1-7 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ހިއުސްޓަން ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔައީ ޖަރުމަނުގެ ފުރިހަމަ ކޮންޓްރޯލުގައި ކުޅުނު ތަނެވެ. ޖަމާލް މުސިއާލާ އާއި ލެރޯއި ސާނޭއަށް ލިބުނު ފުރުސަތުތަކުގެ އިތުރުން، ފެލިކްސް އެންމެޗާ އަށްވެސް ލަނޑު ޖަހާނެ ދެ ފުރުސަތެއް ފުރަތަމަ ހާފުގައި ލިބިގެންދިޔައެވެ. ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ކުޅޭ ޖަރުމަން ޓީމުން ކުރިއަށް އަރާ ކޮންމެ ފަހަރަކު ފެންނަނީ ލަނޑެއް ޖަހާފާނެކަމުގެ ނުރައްކަލެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ހަވަނަ މިނެޓުގައި ޖަރުމަނުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެންމެޗާއެެވެ.
ވޯލްޑް ކަޕުގައި ޖަރުމަނާއި ކިއުރަސޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ޖަރުމަނުން މެޗު ޑޮމިނޭޓުކޮށްގެން ކުޅުނު ނަމަވެސް، ކިއުރަސޯގެ ފަރާތުންވެސް ރަނގަޅު އުންމީދީ ކުޅުމެއް ފެނިގެންދިޔައެވެ. އަދި ގޯލެއް ކާމިޔާބުކުރުމަށް ކުރި ބުރަ މަސައްކަތުން މެޗުގެ 21 ވަނަ މިނެޓުގައި ލިވާނޯ ކޮމެނެންސިއާ ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ.
އޭގެ ފަހުން ފުރަތަމަ ހާފުގައި ޖަރުމަނުން ވަނީ އިތުރު ދެ ލަނޑު ޖަހައި، އަލުން ލީޑު ނަގާފައެވެ. އެއީ މެޗުގެ 38 ވަނަ މިނެޓުގައި ނިކޯ ޝްލޮޓާބެކް ކާމިޔާބުކޮށްދިން ލަނޑާއި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެނަލްޓީއަކުން ކައި ހާވާޓްޒް ކާމިޔާބުކޮށްދިން ލަނޑެވެ. މި ޕެނަލްޓީއަކީ އެންމެޗާއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ޖޯޝުއާ ކިމިކް ތަނަވަސްކޮށްދިން ރީތި ފުރުސަތެއްގައި ޒުވާން ތަރި ޖަމާލް މުސިއާލާ މި ލަނޑު ކާމިޔާބުކުރީ ކިއުރަސޯގެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ޖަރުމަނުގެ ފަސްވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ވޮލީއަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުލްބެކް ނެތޭނިއަލް ބްރައުންއެވެ.
ވޯލްޑް ކަޕުގައި ކިއުރަސޯ ކޮޅަށް ލަނޑު ޖެހުމަށްފަހު ޖަރުމަނުގެ ވާޓްޒް އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
ގާތްގާތުގައި ލަނޑުތަކެއް ފެނުިގެންދިޔަ މި މެޗުގައި ކިމިކް ދިން ހިތްގައިމު ޕާހަކުން މެޗުގެ 78 ވަނަ މިނެޓުގައި ޑެނިޒް އުންޑާވް ވަނީ ޖަރުމަނުގެ ހަވަނަ ލަނޑު ޖަހައދީފައެވެ. އަދި މި މެޗުގައި ޖަރުމަނުން ޖެހި ހަތްވަނަ ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އުންޑާވްގެ އެސިސްޓަކުން ކާމިޔާބުކޮށްދިނީ ހާވާޓްޒްއެވެ.
މި މެޗުން ތަފާތު ބޮޑުކޮށް ބަލިވި ނަމަވެސް، މި މުބާރާތުގައި އަލަށް ވާދަކުރާ ކިއުރަސޯއަށް ޖަރުމަން ފަދަ ޓީމެއްގެ ކައިރިން ސުމެއް ކަނޑާލެވުމަކީވެސް ހިތްހަމަޖެހުމަކަށް ވާނެ ކަމެކެވެ. އެގޮތުން މިއީ އެ މީހުންގެ ފުޓްބޯޅައިގެ ތާރީޚުގައި ލިޔެވިގެންދާނެ މެޗެކެވެ.