ENGLISH
14 ޖޫން 2026
ކިއުރަސޯ: ދުނިޔޭގެ ތައްޓަށް ވާދަކުރާ އެންމެ ކުޑަ ޤައުމުގެ ގޮތުގައި ތާރީޚުން ޖާގަ ހޯދި ގޮތް
14 ޖޫން 2026
|
އެންމެ މަޤްބޫލު
ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕާ ހަމައަށް ކިއުރަސޯ ކުރި ދަތުރުގައި ފާހަގަކޮށްލެވޭ އެތައް ކަމެއް ހިނގާފައިވެއެވެ. މީގެ 10 އަހަރަށްވުރެ ކުރިން، އެ ގައުމުގެ ކޯޗު އަދި ނެދަލެންޑްސްގެ ކުރީގެ މަޝްހޫރު ފޯވާޑް ޕެޓްރިކް ކްލައިވަޓް، ގޯލްކީޕަރު އެލޯއީ ރޫމަށް ގުޅައި، ކިއުރަސޯގެ ގައުމީ ޓީމަށް ކުޅުމަށް އޭނާ އެއްބަސްކުރުވި ހާދިސާއަކީ މީގެ ތެރެއިން އެއް ކަމެވެ.
ނެދަލެންޑްސްގެ ގައުމީ ޓީމަށް ކުޅުނު ކުރީގެ ތަޖުރިބާކާރު ފޯވާޑް ކްލައިވަޓްގެ މަންމަ އާއި ބައްޕަ އަކީވެސް ކިއުރަސޯއަށް އުފަން މީހުންނެވެ. އެ ދުވަސްވަރު ރޫމް އައީ ނެދަލެންޑްސްގެ ވިޓެސޭ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދައި، ނެދަލެންޑްސްގެ ގައުމީ ޓީމުން ފުރުސަތެއް ލިބޭތޯ އުއްމީދު ކުރަމުންނެވެ. ނަމަވެސް، ދުނިޔޭގެ ތައްޓަށް ކިއުރަސޯ ކޮލިފައިކޮށްދިނުމުގެ ބޮޑު އަމާޒަކީ ހަގީގަތަކަށް ހެދިދާނެ ކަމެއްކަން ކްލައިވަޓް އޭނާއަށް ވިސްނައިދިނެވެ.
ރޫމް އެކަމާ ފަސްޖެހުނު ސަބަބު ވިސްނައިގަންނަން އުނދަގުލެއް ނޫނެވެ. ކިއުރަސޯގެ މުޅި އާބާދީއަކީ އެންމެ 150،000 އެވެ. އެއީ 1950 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް ބަލަންދިޔަ މީހުންނަށްވުރެވެސް މަދު އަދަދެކެވެ. ނެދަލެންޑްސް އެންޓިލެސް އުވާލައި، އަމިއްލަ މިނިވަންކަން ލިބުނުތާ އޭރުވީ އެންމެ ފަސް އަހަރެވެ. މާޒީގައި އެ ރަށަކީ ޑަޗް އެޓްލާންޓިކް އަޅުންގެ ވިޔަފާރީގެ މަރުކަޒެކެވެ.
ކޮންމެއަކަސް ރޫމް ނިންމި ނިންމުމަކީ ބޮޑު ބަދަލެއްގެ ފެށުމަކަށް ވިއެވެ. އޭނާގެ ސަބަބުން ނެދަލެންޑްސްއަށް އުފަން، އެކަމަކު ކިއުރަސޯގެ ނަސްލުން އައިސްފައިވާ އިތުރު ކުޅުންތެރިން މި މަޝްރޫއާ ގުޅުނެވެ. އޭގެ ތެރޭގައި މަޔާމީ އެފްސީގައި އޭނާއާއެކު ކުޅޭ ޔާގަންލޮކާޑިއާ ހިމެނެއެވެ. ކްލައިވަޓަށް ފަހު ކޯޗުކަމާ ހަވާލުވި ރެމްކޯ ބިސެންޓީނީ މި މަސައްކަތް އިތުރަށް ފުޅާކޮށް، އެފަދަ ކުޅުންތެރިން ހޯދައި ޓީމަށް ގެނައުމަށް ބޮޑު އިސްކަމެއް ދިނެވެ.
މީގެ ނަތީޖާއަކަށްވީ، ނެދަލެންޑްސްގެ ފުޓްބޯޅަ އުސޫލުތަކަށް ތަރުބިއްޔަތުވެފައިވާ، ކެރީބިއަންގެ ސަގާފަތާ ގުޅިފައިވާ، އަދި ދުނިޔޭގެ ތައްޓަށް ކުޅުމުގެ ހުވަފެން ދެކެމުންދިޔަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ވަރުގަދަ ފައުޖެއްގެ އުފެދުމެވެ.
މި އަހަރުގެ ވޯލްޑް ކަޕާ ގުޅޭ ތަފުސީލުތައް ހާމަވުމާއެކު، ބިސެންޓީނީ ކުޅުންތެރިންނަށް އުއްމީދެއް ދެއްކިއެވެ. އެއީ 48 ގައުމު ބައިވެރިވާ މުބާރާތަކަށްވުމާއި، އެ ސަރަހައްދު، ކޮންކާކަފްގެ ބޮޑު ތިން ގައުމަކީ މުބާރާތް ބާއްވާ ގައުމުތަކަށް ވުމުން، ކޮލިފައިންގައި އެ ގައުމުތަކާ ވާދަކުރަން ނުޖެހުމެވެ. މިއީ މި ކުޅުންތެރިންނަށް ލިބޭނެ އެންމެ ފަހުގެ ފުރުސަތަށް ވެދާނެކަމަށް އޭނާ ބުންޏެވެ.
2024 ވަނަ އަހަރު ކުރިއަށްދިޔަ ކޮލިފައިން ބުރުގައި ތަޖުރިބާކާރު ކޯޗު ޑިކް އެޑްވޮކާޓް ޓީމާ ހަވާލުވިއެވެ. އޭގެ ފަހުން ފެނިގެންދިޔައީ ހައިރާންކުރުވަނިވި ނަތީޖާތަކެކެވެ. އެންމެ ފަހު މެޗުގައި ޖެމެއިކާއާ ދެކޮޅަށް ކުޅުނުއިރު، ކިއުރަސޯ ކެޓިޔަ ނުދީ ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. ޖެމެއިކާގެ ތިން ހަމަލާއެއް ގޯލުގެ ދަނޑީގައި ޖެހުނުއިރު، މެޗުގެ ފަހު ވަގުތު އެ ޓީމަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީގައި އެ ޕެނަލްޓީ ކެންސަލްވެ، ކިއުރަސޯ ސަލާމަތްވިއެވެ.
ކޮލިފައިން ކާމިޔާބުވުމުން ކީޕަރު ރޫމް ބުނީ އޭނާ ދެކެމުން އައި ހުވަފެނަކީ ވޯލްޑް ކަޕަށް ކޮލިފައިވުން ކަމަށެވެ. އަދި އޭނާ މިހާރު ވަނީ 1952 ގެ އޮލިމްޕިކްސްގައި ކުޅުނު ކިއުރަސޯގެ ކީޕަރު އާޖިލިއޯ ހާޓޯ ("ބްލެކް ޕެންތަރ") ގެ ހަނދާނުގައި ޓެޓޫއެއްވެސް ޖަހާފައެވެ.
"މި ހުވަފެނަކީ އަހަރެން ކިއުރަސޯއަށް ކުޅެން ފެށި އެންމެ ބޮޑު ސަބަބު. އޭރު މީހުން ބުނި މިއީ ވަރަށް އުނދަގޫ ދިގު ދަތުރަކަށް ވާނެއޭ. އެކަމަކު އަހަރެންގެ ހިތް ބުނަމުންދިޔަ އަހަރެމެންނަށް މިކަން ވާނެއޭ. 10 އަހަރު ކުރިން ފެށި މަސައްކަތެއް މިގޮތަށް ނިމުމުން ކުރެވޭ އިހުސާސް ބުނެދޭންވެސް ނޭނގޭ،" ރޫމް ބުންޏެވެ.
މި ކާމިޔާބީ އާއެކު ޓީމު އެނބުރި ގައުމަށް ދިޔުމުން އެ ކުޅުންތެރިންނަށް މަރުހަބާކީ ބަތަލުންގެ ގޮތުގައެވެ. ވެރިރަށް ވިލެމްސްޓަޑުގެ މަގުތަކުގައި ހާސް ބަޔަކު ނުކުމެ އުފާފާޅުކުރިއެވެ.
ބޭރު ގައުމުތަކަށް އުފަން ކުޅުންތެރިން ބޭނުންކުރަނީ ހަމައެކަނި ކިއުރަސޯއަކުން ނޫނެވެ. މޮރޮކޯ، ސެނެގޯލް އަދި ހައިޓީ ފަދަ ގައުމުތަކުންވެސް މިކަން ކުރެއެވެ. ނަމަވެސް މަދު ވަސީލަތްތަކަކާއެކު، 5،000 މޭލު ދުރުން ކުޅުންތެރިން ގެނެސްގެން މިހާ ކާމިޔާބުކަމާއެކު މިފަދަ ނަތީޖާއެއް ނެރުނު އެހެން ގައުމެއް އަދި ނެތެވެ.
ކިއުރަސޯ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެރަށަށް އުފަންވި ހަމައެކަނި ކުޅުންތެރިއަކީ ޝެފީލްޑް ޔުނައިޓެޑުގެ ޓަހިތު ޗޮންގްއެވެ. އޭނާ ބުނީ ނެދަލެންޑްސްގެ ބަދަލުގައި ކިއުރަސޯ އިޚުތިޔާރުކުރީ އެއީ އޭނާގެ އަމިއްލަ ގެ ކަމަށްވާތީ ކަމަށެވެ.
ފްލޮރިޑާގައި ޓީމު ފަރިތަކުރަމުން ދާއިރު، އައިވަރީ ކޯސްޓާއި، އެކުއަޑޯ އަދި ޖަރުމަން ހިމެނޭ ވަރުގަދަ ގްރޫޕެއްގައި އޮތް ނަމަވެސް، އެޑްވޮކާޓް ގަބޫލުކުރާ ގޮތުގައި "ނުވާނޭ ކަމެއް ނޯންނާނެ" އެވެ.
ކިއުރަސޯގެ ފުޓްބޯޅައިގެ މުސްތަގުބަލު ފެންނަނީ ފަހިކޮށެވެ. ސަބަބަކީ ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ކިއުރަސޯގެ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާތީއެވެ.