ENGLISH

14 ޖޫން 2026

Advertisement

މީދޫން ލިބުނު ކާމިޔާބަކީ ރައީސްގެ އިސްލާހީ އެޖެންޑާއަށް ތާއީދު އޮތްކަމުގެ ހެއްކެއް: ފަލާހު

14 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު

ދ.މީދޫ ކައުންސިލުގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް ބޭއްވި އިތުރުބުރުގެ ވޯޓުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓު ސުހާ އިބްރާހީމަށް ލިބިވަޑައިގަތް ކާމިޔާބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްލާހީ އެޖެންޑާއަށް އޮތް ތާއީދު ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއް ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. 

އިއްޔެ ކުރިއަށްގެންދިޔަ އިންތިހާބަކީ މީދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމަށް އޭޕްރީލު ހަތަރުވަނަ ދުވަހު ނެގި ވޯޓުގައި ޖެހުނު މައްސަލަތަކަކާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމަކާއެކު އެ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަަށް ލިބިވަޑައިގަތް ވޯޓު އެއްވަރުވުމާ ގުޅިގެން ބޭއްވި އިތުރުބުރުގެ އިންތިހާބެވެ. 

އެ އިންތިހާބުގެ ދާއިމީ ނަތީޖާ މިއަދު އިއުލާނުކޮށްފައިވާއިރު 54.09 އިންސައްތައިގެ އަޣުލަބިއްޔަތުން މީދޫ ކައުންސިލުގެ ރައީސްކަން ކާމިޔާބުކުރެއްްވީ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމެވެ. އެއާއެކު އެ ރަށު ކައުންސިލުގެ ތިން ގޮނޑިވެސް އެ ޕާޓީއަށް ކާމިޔާބުވެފައިވެއެވެ. 

އެ ކާމިޔާބީ އިހުތިފާލުކުރުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން މީދޫއަށް ވަޑައިގެންނެވި ވަގުތު އެރަށުގައި ހުންނަވައިގެން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމުގައި ފަލާހު ވިދާޅުވީ، މި އިންތިހާބުގެ ނަތީޖާއިން އެނގިގެންދިޔައީ ފޯކަސްކޮށްގެން މަސައްކަތްކޮށްފިނަމަ ޕީއެންސީއަަށް ހުރިހާ އިންތިހާބެއްވެސް ކާމުޔާބުވާނެކަން ކަމަށެވެ. 

މި މަހުގެ ކުރީކޮޅުގައި ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް އަލިއަޅުވައިލައްވަމުން ފަލާހު ވިދާޅުވީ އެ ދާއިރާގައި ޕީއެންސީގައި ރަޖިސްޓްރީވެފައި ތިބި ޕާޓީ މެންބަރުންގެ އަދަދަކީ 700 މެންބަރުން ކަމަށެވެ. އަދި އެމްޑީޕީގައި 1،300 އަށްވުރެ ގިނަ މެންބަރުން އެ ދާއިރާގައި ތިބި ނަމަވެސް، ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިތަކުން ކުރިހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓު ކަމަށެވެ. 

ގާތްގަނޑަކަށް 32 ވޯޓުން އެ އިންތިހާބުގައި ޕީއެންސީއަށް ނާކާމިޔާބުވިޔަސް އަދަދުތަކަށް ބަލާއިރު އެ ދާއިރާގައި އެ ޕާޓީއަށް ލިބުނީ ބޮޑު ކާމިޔާބެއްކަމަށް ފަލާހު ވިދާޅުވިއެވެ. 

"އަޅުގަނޑު ދަންނަވާލާނީ މީދޫގެ މިނަތީޖާއިން އެނގިއްޖެއޭ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރަށް އަދި ރައީސުލްޖުމްހޫރިއްޔާއަށް އަދި އެމަނިކުފާނު ކުރައްވާ އިސްލާހީ މަސައްކަތަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު. އެހެންވީމާ އިރާދަކުރެއްވިޔާ 2028 ގައި އަޅުގަނޑުމެން މިކުރާ މަސައްކަތަށް ވަރަށް ބޮޑު ޔަގީންކަމެއް ލިބިގެން ހިނގައްޖެ މިގޮނޑީގެ ސަބަބުން،" ފަލާހު ވިދާޅުވިއެވެ. 

ފަލާހު ވިދާޅުވި ގޮތުގައި މީދޫގައި އެމްޑީއޭއިން ކެންޑިޑޭޓަކު ނިކުންނެވި ނަމަަވެސް ޕީއެންސީން ވާދަކުރީ އެމްޑީއޭގެ އިތުރަށް އިދިކޮޅު ހުރިހާ ޕާޓީއަކާއެވެ. އޭގެ ތެރޭގައި އިދިކޮޅު މައިޕާޓީ އެމްޑީޕީގެ އިތުރަށް ރައީސް އަބްދުﷲ ޔާމީނުގެ ޕީއެންއެފްވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހަވީރު މީދޫއަށް ވަޑައިގަތުމުން އެ ރަށުގެ ގިނަ ބަޔަކު އެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. އަދި ޕީއެންސީއަށް އެ ރަށުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ހާއްސަަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ރައީސްގެ ދެކަނބަލުން މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު